ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މުވައްޒަފެއް ކަމަށްވާ ޝަމިމް މަރާލި މައްސަލާގައި ދައުވާކޮށްފައިވާ އެތަނުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރި ޕާކިސްތާނުގެ މުހައްމަދު އާބިދަށް 3 މަސްފަހުން ވަކީލަކު ހަމަޖެހި މައްސަލައިގެ އަޑުއެހުންތައް އަލުން ފަށައިފިއެވެ.

ޝަމިމް މަރާލި މައްސަލާގައި އާބިދު މައްޗަށް އުފުލާފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ މިހާރު ކުރިއަށް ދަނީ ހެކީންގެ ހެކިބަސް ނެގުމުގެ އަޑުއެހުންތަކެވެ.

މައްސަލާގެ އަޑުއެހުމެއް ބޭއްވިތާ ދެ މަސްފަހުން މިދިޔަ މަހުގެ ކުރީކޮޅު އަޑުއެހުމެއް ބޭއްވިއިރުވެސް އާބިދުގެ ވަކީލަކު ހާޒިރުވެފައެއް ނުވެއެވެ. އަދި މައްސަލަ ބައްލަވާ އިސްގާޒީ އިސްމާއީލް ޝަފީއު ވަނީ އެ މައްސަލައަކީ މަރުގެ މައްސަލައަކަށް ވުމުން ދިފާއީ ވަކީލަކާ ނުލާ ކުރިއަށް ދިއުން ރަނގަޅު ނޫން ކަން ފާހަގަކުރައްވާ ވަކީލަކު ހަމަޖައްސަން އާބިދަށް ފުރުސަތު ދެއްވާފައެވެ.

އެ ދުވަހު އާބިދު ބުނީ އޭނާގެ ބައްޕައާ މީގެ ކުރިން އޭނާގެ ވަކީލަކަށް ހުންނެވި އިބްރާހީމް އަލީ އަލުން އެ މަގާމަށް ހަމަޖެއްސުމަށްޓަކައި ދެވަނަ ފަހަރު ފައިސާ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ވަކީލުގެ ހަބަރެއް ނުވާ ކަމަށާއި އާއިލާ ބައްދަލުވުން ލިބެނީ ކޮންމެ 15 ދުވަހަކު އެއް ފަހަރު ނުވަތަ މަހަކު ދެ ފަހަރު ކަމުގައިވުމުން ވަކީލަކު ހަމަޖެއްސުމުގައި ދަތިތައް އެބަހުރި ކަމަށް އޭނާ ބުންޏެވެ.

ޝަމިމް މަރާލީ ބިރިޔާނީއަށް ކޮށި އަލުވި މަދުވެގެން ޖެހުނު މައްސަލައެއްގައި ސަމްސާ އެއްލުމުން މައްސަލަ ހޫނުވެގެން ކަމަށް މީގެ ކުރީގެ އަޑުއެހުމެއްގައި ހެކިބަސްދިން ހެކިވެރިޔަކު ވަނީ ބުނެފައެވެ. އަދި އޭނާ މަރާލުމަށް ހަމަލާ ދީފައިވަނީ ކިވީ ބްރޭންޑްގެ މިޔަކުޑަ ވަޅިއަކުން ކަމަށް ހެކިބަސް ދިން ބައެއް މީހުން ވަނީ ބުނެފައެވެ.

އެ މާރާމާރީގައި މަރުވި ޝަމިމް ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެ ރެސްޓޯރަންޓުގެ ބައެއް މުވައްޒަފުން އޭނާއަށް އިތުރު ފަރުވާ ދިނުމަށް މަސައްކަތް ކޮށްފައި ވާ ވީޑިއޯއެއް ދައުރުވިއެވެ. ނަމަވެސް އެެ ވީޑިއޯއިން ފެންނަ އިރު ވެއްޓިފައި އޮތް ޝަމިމްގެ ހަރަކާތެއް ނެތް އިރު އޭނާގެ ގައިން ފޭބި ލޭ ވެސް ނެތެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުން، ޝަމިމް މަރާލުމަށް ހަމަލާ ދިނުމުން އޮހޮރުނު ލޭ ވަނީ ދޮވެ ނައްތާލާފައެވެ. ޝަމިމްގެ އާއިލާގެ އެދުމަށް އޭނާގެ ހަށިގަނޑު ވަނީ ބަންގްލަދޭޝަށް ފޮނުވާލާފައެވެ.