މިދިޔަ އަހަރު ދައުލަތުގެ ރިޒާވް 827 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭ އިން އާއްމު ކޮށްފައިވާ ތަފާސްހިސާބު ދައްކާ ގޮތުން، 2022 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ވަނީ 827.7 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ ދައުލަތުން ލަފާ ކުރި 632 މިލިއަން ޑޮލަރަށް ވުރެ 200 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް އިތުރުވެފައި ވަނީ ޓޫރިޒަމުން ލިބުނު އާމްދަނީ އާއި ބޭރުގެ އެހީ އަދި ޓެކްސްގެ އާމްދަނީ އިތުރުވުމުންނެވެ. މީގެ އިތުރުން ސަރުކާރުން ވަނީ ދައުލަތުގެ ރިޒާވް ހިފެހެއްޓުމަށް އިންޑިއާއިން 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހަމަޖައްސާފައެވެ.

މިއަހަރު ދައުލަތުގެ ރިޒާވް އެންމެ މައްޗަށް ގޮސްފައިވަނީ މާޗު އަދި އެޕްރީލްގައެވެ. މާޗު މަހު ރިޒާވް 862 މިލިއަން ޑޮލަރަށް އެރި އިރު އެޕްރީލް މަހު ރިޒާވް ހުރީ 829 މިލިއަންގައެވެ.

މާޗު މަހު ދައުލަތުގެ ރިޒާމް މަތިވި އިރު އެ މަހަކީ މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައި މަހެވެ. ހިސާބު ތަކުން ދައްކާ ގޮތުގައި އެ މަހު ރާއްޖެއަށް 150 ހާސް ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.

2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ރިޒާވް ހުރީ 805 މިލިއަންގައެވެ.