ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އިމާރާތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި މަޝްރޫއަށް 9.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކުޑަހުވަދޫގައި ހައުސިން ޔުނިޓްތައް އިމާރާތް ކުރުމަށް ބަޔަކު ހޯދަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަސައްކަތް ކޮށްދޭ ގޮތަށެވެ. މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ އިރު، މި މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 260,000 ރުފިޔާ ހުށަހަޅަން ޖެހެއެވެ.

ކުޑަހުވަދޫ އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުން ވެސް ދިރިއުޅެމުން އަންނަ ތަރައްގީގެ ކުލަވަރު ފެންނަމުން އަންނަ ރަށެކެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ފިކްރީ ވިދާޅުވީ، 3500 އެއްހާ މީހުންގެ އާބާދީއެއް އޮތް އެރަށުގައި 4000 އެއްހާ މީހުން ދިރިއުޅެމުން އަންނަ ކަމަށެވެ.

ވަޒީފާ ހޯދުމަށާއި ދަރިންނަށް ތައުލީމް ހޯދައި ދިނުމަށް ގިން ބަޔަކު އެ ރަށަުަގައި ދިރިއުޅެމުން އަންނަ އިރު، ސުނާމީގައި ބޮޑުވަރުވެފައިވާ ދ. ގެމެންދޫ އާއި އާބާޑީ ަމދުވެގެން ތަކުލީފް އުފުލަން ޖެހުމުގެ ސަބަބުން ދ. ވާނީގެ މީހުން ބަދަލުވެ ދިރިއުޅެމުން އަންނަނީ ވެސް އެ ރަށުގައެވެ.

މި ސަރުކާރުން މިހާރު އެ ރަށުގައި ހިންގަމުން އަންނަ މަޝްރޫއުތަކުެ ތެރޭގައި ޖުވެނަލް ދސެންޓަރެއް އެލުމުގެ މަސައްކަތާއި ފެނަކަ އިމާރާތެއް އެޅުމުގެ އިތުރުން އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުން ހިމެނެއެވެ. އެ ރަށުގައި އެއާޕޯޓެއް އަޅައި 2017 ވަނަ އަހަރު އެއާޕޯޓް ހުޅުވައި އަންނަނީ ހިދުމަތް ދެމުންނެވެ.

ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އަޅަން ނިންމައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފައިވާ އިރު، މި އަހަރަށް ބަޖެޓްކޮށްފައިވާ އިތުރު މަޝްރޫއުތައް ވެސް އެބަ ހުއްޓެވެ. އޭގެތެރޭގައި ކުޑަހުވަދޫގެ ބަނދަރު އަޕްގްރޭޑް ކުރުމާއި، 350،000 ރުފިޔާ ބަޖެޓްކޮށްގެން ކުޑަހުވަދޫ ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމާއި، 6.11 މިލިއަން ރުފިޔާ ބަޖެޓްކޮށްގެން އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމާއި، 756،453 ރުފިޔާ ބަޖެޓްގައި ހިމަނައިގެން ކުޑަކުދިންގެ ރެޒިޑެންޝަލް މަރުކަޒެއް އެޅުމަށް ވަނީ ނިންމާފައެވެ.