ވ. އާރަށުގެ މައްސަލާގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ދޫކުރާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
'ދަ ޕްރެސް' އަށް މައުލުމާތު ދެމުން ކްރިމިނަލް ކޯޓުގެ އޮފިޝަލް ބުނީ، ޝަރީއަތް ނިމުނު ތާރީހުން ފެށިގެން ރަސްމީ 14 ދުވަސް ތެރޭގައި ރިޕޯޓް ދޫކުރާނެ ކަމަށެވެ. ޔާމީނަށް ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމުން 14 ދުވަސް ހަމަވާ ތާރީހަކީ މި މަހުގެ 12 ވަނަ ދުވަހެވެ.
ޔާމީންގެ މައްސަލައިގައި އެމަނިކުފާނުގެ ފަރާތްޕުޅުން މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެ ހުކުމްގެ މައްސަަ އިސްތިއުނާފް ކުރަން ނިންމާފައެވެ. އަދި މިއަދާ ހަމައަށް އައި އިރުވެސް އެ މައްސަލަ އިސްތިއުނާފް ނުކުރެވި ލަސްވަމުން ދަނީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ކްރިމިނަލް ކޯޓުން ދޫނުކުރާތީ ކަމަށް ވަކީލުން ވިދާޅުވެއެވެ.
ޔާމީންގެ ޝާރީއަތް ނިމުނު ދުވަހު ހުލާސާ ރިޕޯޓް ކްރިމިނަލް ކޯޓުން ދީފައި ނުވާތީ ޕީޕީއެމް އިން އިހްތިޖާޖު ކުރުމުން އެ ރިޕޯޓް ދީފައި ވަނީ ޖެހިގެން އައި ދުވަހުއެވެ. އެ ރިޕޯޓުގައި ހިމެނޭނީ ޝަރީއަތުގެ ހުލާސާ ކަމަށާއި ދެ ފަރާތުން ދެއްކި ވާހަކަ އަދި ޝަރީއަތުގައި ކަން ހިނގި ގޮތް ފުރިހަމައަށް އޭގައި ލިޔެފައި ނުވާތީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯތް ލިބިގެން ނޫނީ އިސްތިއުނާފް ކުރެވެން ނެތް ކަމަށް ވެސް ވަކީލުން ވިދާޅުވެއެވެ.
ޔާމީނަށް ކުރި ހުކުމް އިސްތިއުނާފް ކުރުން އަވަސް ކުރަން ބޭނުންވާ މައިގަނޑު އެއް ސަބަބަކީ އަންނަ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ވުމެވެ.
ގއ. ވޮޑަމުލާގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ނޮވެމްބަރު 28، 2019 ގައި އިއްވި ފަހަރު ދެ ދުވަސް ތެރޭގައި އެ ހުކުމް އިސްތިއުނާފް ކުރިއެވެ. އެ އިސްތިއުނާފް ނިމި ޔާމީން މިނިވަންވެފައި ވަނީ ޖެނުއަރީ 1، 2021 ގައެވެ.