ނިމިދިޔަ ވޯލްޑްކަޕްގެ ރަނަރަޕް ފްރާންސްގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

އުމުރުން 36 އަހަރުގެ ލޮރިސް ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ގައުމީ ޓީމަށް ކުޅެން ހުއްޓާލަން ނިންމީ ގައުމަށް ކޮށްދެވޭނެ ހުރިހާ ކަމެއް ކޮށްދެވިއްޖެ ކަމަށް ގަބޫލުކޮށް ކަމަށެވެ. އަދި މި ވަގުތު މިކަން އިއުލާނު ކުރުން މުހިއްމު ކަމަށާ ދެ މަސް ދުވަހުގެ ތެރޭގައި ޔޫރޯގެ ކޮލިފައި މެޗުތައް ފެށުމުގެ ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ ކަމަށް ވެސް ލޮރިސް ބުންޏެވެ.

މިއާއެކު ލޮރިސް ގައުމީ ޓީމަށް ކުޅުނު އެންމެ ފަހު މެޗަކަށް ވީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އާޖެންޓީނާއާ ދެކޮޅަށް ކުޅުނު ވޯލްޑްކަޕްގެ ފައިނަލް މެޗެވެ.

2018 ވަނަ އަހަރު ފްރާންސް ވޯލްޑްކަޕް ތަށި އުފުލާލި އިރު ވެސް ޓީމުގެ ކެޕްޓަންކަން ކުރި ލޮރިސް އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނީ 2008 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން 21 އަހަރެވެ.

2022 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލް މެޗަކީ އޭނާ ފްރާންސަށް ކުޅުނު 145 ވަނަ މެޗެވެ. މިއާއެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އަށް ވެފައެވެ.

އިންގްލިޝް ޕްރިމިއާ ލީގުގެ ޓޮޓެންހަމްގެ ކީޕަރު ލޮރިސް ވަނީ 121 ފަހަރު ފްރާންސްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައެވެ. މިއީ ވެސް ރެކޯޑެކެވެ.

ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް ގައުމީ ޓީމާ ދުރަށް ގޮސްފައިވާ އިރު ވޭލްސްގެ ކެޕްޓަން ގެރެތް ބޭލް ވެސް އިއްޔެ ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފައެވެ.