މާޗް 20، 2015 ވަނަ ދުވަހުގެ ރޭ މަރާލި ލ. މުންޑޫ ނޫވިލު، އުމުރުން 29 އަހަރުގެ އަލީ ޒިޔަދަމްގެ ވާރިސުންގެ ބަސް ނަގަން ތައްޔާރުވަމުން އަންނަ ކަމަށް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
2015 ވަނަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ 10:30 އެހާކަންހާއިރު މުންޑޫ ވަގުތީހިޔާގޭ ކައިރިން ޒިޔަދަމް ހިނގާފައި ދަނިކޮށް، ޝަނޫނާއި ސިފާމް ޒިޔަދަމްގެ ފަލަމަސްގަނޑަށް އަށް އިންޗި ހުންނަވަރުގެ ވަޅިއެއް ހަރާލާފައިވާ ކަމަށް ބުނެ ދައުލަތުން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައި ވަނީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ލ. މުންޑޫ، ބީޗްވިލާ އަލީ ސިފާމްގެ މައްޗަށެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ޒިޔަދަމްގެ ވާރިސުން ޔަގީންކުރަން ދެ މީހެއްގެ ބަސް ނަގާފައިވާއިރު ޒިޔަދަމްގެ މަންމަ މަރުވެފައިވާ ކަމަށާއި ބައްޕަ ދިރިއުޅެން ދަނީ އެހެން ކައިވެންޏެއްކޮށް ބ. ތުޅާދޫގައި ކަމަށް ވަނީ ބުނެފައެވެ. އަދި ޒިޔަދަމްގެ އެއްބަނޑު އެއްބަފާ 6 މީހުންނާއި އެއްބަފާ 2 މީހުން ދުނިޔޭގައި ތިބި އިރު ދެން ވާރިސެއްގެ ގޮތުގައި ހުރީ ޒިޔަދަމްގެ ދަރިފުޅެވެ. ދަރިފުޅުގެ މަންމައާ ޒިޔަދަމް ތިބީ ވަރިވެފައެވެ.
ގާޒީ އިސްމާއީލް ޝަފީއު ވިދާޅުވީ ވާރިސުން ޔަގީން ކުރެވިފައި އޮތުމުން ވާރިސުންގެ މައުލޫމާތު ހޯދުމަށް އަދިވެސް އިދާރީ ބައެއް މަސައްކަތްތައް ކުރަން ހުރުމުން ވާރިސުންގެ ބަސް ނެގޭނެ ސީދާ ދުވަހެއް އަދި ނޭނގޭ ކަމަށާއި ނަމަވެސް އަންނަ ހަފުތާއަށް ވާރިސުންގެ ބަސް ނެގުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އަލީ ޒިޔަދަމް، މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެތަނުން އޭނާ ބެލި ޑޮކްޓަރު ވަނީ ބުނެފައެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް އޭރު ޑޮކްޓަރު ވަނީ ބުނެފައެވެ.