ކ. ކަނޑުއޮތްގިރި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ 40 ޕަސެންޓް މަސައްކަތާއި އަދި ބޭރުތޮށި ލުމުގެ މަސައްކަތް ނިމިއްޖެއެވެ.

މި މަޝްރޫއުގެ ދަށުން، 10،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 10،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމަފައެވެ. އަދި 125 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 265 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތްވެސް ކުރިއަށް ދާނެއެވެ.

މީގެ އިތުރުން 63 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ހާބަރު ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

ކަނޑުއޮތްގިރި ބަނދަރު ޑިޒައިންކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައި ވަނީ މެއި 18، 2022 ގައެވެ.

365 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީ އާ ހަވާލުކުރި މި މަޝްރޫއަކީ 36.13 މިިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކަނޑުއޮތްގިރިއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ގެ ބެލުމުގެދަށުގައި އޮންނަ ރަށެކެވެ.