ރޭ މާލޭގައި، ރައީސް ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ގޮވާލާ ކުރިއަށް ގެންދިޔަ މުޒާހަރާތެރެއިން ދުވަސްވީ އަންހެނަކު ހައްޔަރު ކުރި ގޮތް ތަހުގީގު ކުރަމުން އަންނަކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ މުޒާހަރާ ރޫޅާލުމަށް މަސައްކަތް ކުރަމުން ދިޔަ ފުލުހުންގެ ތެރެއިން، ތިން ފުލުހަކު އެ އަންހެން މީހާ ފަހަތުން ދުވެ ގޮސް ހިފަހައްޓާ ދުރަށް ޖައްސަން މަސައްކަތްކުރާ މަންޒަރެވެ. އެ އަންހެން މީހާ ފުލުހުންގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔަ އިރު ފުލުހުން އޭނާގެ އަތް ނައްޓުވާ ދުރަށް ޖެއްސީ ގަދަކަމުންނެވެ.

މީޑިއާގައި ދައުރުވަމުންދާ މި ވީޑިއޯ އަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވާއިރު މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓްވީޓެއްގައި ވަނީ ފަހަތުން ދުވެގޮސް ޝުއޫރުފާޅުކުރާ އުމުރުން ދުވަސްވީ އަންހެނުން ހިފާ ހައްޔަރުކުރަންޖެހޭ ސަބަބަކީ ކޮބައިތޯ ސުވާލުކޮށްފައެވެ.

ފުލުހުންގެ މުއައްސަސާއަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވާއިރު ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ކުރެއްވި ވިދާޅުވީ މުޒާހަރާތެރެއިން ފުލުހުން އަންހެން މީހާ ހިފަހައްޓަން އުޅުނު ގޮތުން ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. އަދި އެ މައްސަލަ ބައްލަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.