ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސްއަކަށް ހުންނެވި އަހުމަދު ގައިސް އެ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

ޑިސެމްބަރު 3، 2019 ގައި ބްރޯޑްކޮމަށް ގައިސް އައްޔަން ކުރަން ރައްޔިތުން މަޖިލީހުން ރުހުން ދީފައިވާއިރު އެ މަހުގެ 5 ވަނަ ދުވަހު އޭނާ ވަނީ އެ ކޮމިޝަންގެ ނައިބު ރައީސް ކަމަށް އިންތިހާބު ކޮށްފައެވެ.

މީގެ ކުރިން ގދ. އަތޮޅު ކައުންސިލްގެ މެންބަރު ކަން ކުރެއްވި ގައިސް އިސްތިފާ ދެއްވާފައި ވަނީ އެހެން މަސައްކަތަކަށް ހުސްވާން ބޭނުންވާތީ ކަމަށް އޭނާ ވަނީ ބައެެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައެވެ.

ގައިސްއަކީ މީގެ ކުރިން ގދ. ތިނަދޫގައި ކުރިއަށް ގެންދާ އެމްޑީޕީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކަށް ވާއިރު އޭނާ އިސްތިއުފާ ދެއްވާފައި މިވަނީ އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށެވެ.

ގައިސް އިސްތިއުފާ ދެއްވިއިރު، ބްރޯޑްކޮމްގައި މިހާރު ދެން ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި މެންބަރު އަލީ ޔޫސުފްއާއި މެންބަރު އާމިނަތު އަމީނާއާއި މެންބަރު މުހައްމަދު ފަޒީންއާއި މެންބަރު ޝިފްލާ އިބްރާހީމް އަދި މެންބަރު އަމްޖަދު ވަހީދެވެ.