ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 7 މީހަކު ދޫކޮށްލައިފިއެވެ.

ވ. އާރަށް ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ މިދިޔަ މަހު 25 ގައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނާ ގޮތުގައި، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެކެވެ. ޔާމީނަށް ހުކުމް ކުރި ދުވަހުން ފެށިގެން ކޮންމެ ރެއަކު އިދިކޮޅުން އަންނަނީ ސިލްސިލާ ގޮތެއްގައި އިހްތިޖާޖުތަކާއި ހިނގާލުންތައް ބާއްވަމުންނެވެ.

ރޭގެ މުޒާހަރާ ތެރެއިން ޖުމްލަ 11 މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. އޭގެތެރޭގައި ޕީޕީއެމް އަދި ޕީއެންސީގެ ކައުންސިލް މެމްބަރުން ވެސް ހިމެނެއެވެ.

ޕީޕީއެމްއިން މިއަދު ބުނީ، ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން 4 މީހަކު ފިޔަވައި އެންމެން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.

ޔާމީން މިނިވަންވުމާ ހަމައަށް އިހްތިޖާޖުތައް ކުރިއަށް ގެންދާނެ ކަމަށް އިދިކޮޅުން ބުނެއެވެ. އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޔާމީންގެ މައްޗަށް ހުކުމް އިއްވީ އިންތިހާބުގައި އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު ބަންދުކުރުމުގެ ގޮތުންނެވެ.