ދެ ހަފްތާގެ ޗުއްޓީއަށް ފަހު، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދެވަނަ ޓާމްގެ ކިޔެވުން ފަށައިފިއެވެ.

ސްކޫލުތަކުން މިއަހަރުގެ ދެވަނަ ޓާމަށް ވަރަށް ބޮޑަށް ތައްޔާރު ވެފައި ވާއިރު މި ޓާމާއި ދަރިވަރުންނާއި ޓީޗަރުން ކުރިމަތިލީ އާ އުންމީދުތަކާއި ލަނޑުދަނޑިތަކަކާ އެކުއެވެ.

ރާއްޖޭގައި މީގެ ކުރިން އަމަލުކުރަމުން އައި އެކެޑެމިކް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނެސް 2022 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފަށާފައި ވަނީ އޮގަސްޓް 7، 2022 ގައެވެ. އެ ޓާމްގެ ކިޔެވުން ޑިސެމްބަރު 24 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިޔައިރު ދެވަނަ ޓާމްގެ ކިޔެވުން ފަށާފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ.

މި ސަރުކާރުން ތައުލީމީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން ސްކޫލުތަކަށް އުމްރާނީ ތަރައްގީ ގެނައުމަށް މުޅިއެކު 221 މަޝްރޫއެއް ކުރިއަށް ގެންދެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްލަ 1578 ކްލާސްރޫމް ހެދުމާއި، 85 މަލްޓިޕާޕަސްހޯލާއި 509 އެހެނިހެން އިމާރާތްތަކުގެ މަސައްކަތެވެ.

މި މަޝްރޫއުތަކާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލްތައް ތަރައްގީ ކުރުމަށް ކުރާ ކޮންމެ ކަމެއްގެ އަމާޒަކީ، ދަރިވަރުންގެ އުޅުމާއި ކެރުމާއި އިސްނެގުމާއި ކިޔެވުން ކަމަށެވެ.