ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިރްފާން ހާން އަކީ އެފަދަ ދެވަނަ އެއް ނެތް ފަދަ މޮޅު ތަރިއެކެވެ. 2020 ވަނަ އަހަރު އެޕްރީލް މަހު އިރްފާނު މަރުވީ ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ނުވަތަ ބަނޑުގެ ކެންސަރު ޖެހިގެން މުމްބާއީގެ ކޮކީލާބެން ދިރުއަމްބާނީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

އިރުފާނުގެ ވަކިވުމާއެކު މުޅި ބޮލީވުޑަށާއި ހާއްސަކޮށް އޭނާގެ އާއިލާއަށް ބޮޑު ހިތްދަތިކަމެއް ލިބިގެން ދިޔައެވެ. އިރުފާނުގެ މަރަށް 3 އަހަރުވާން ކައިރިވެފާވާއިރު މި މަހުގެ 7 ވަނަ ދުވަހު އޭނާގެ 56 ވަނަ ދުވަސް އާއިލާއިން ފާހަގަކުރީ އެ ހިތްދަތި ހަނދާންތަކާ އެކުގައެވެ.

އިރުފާނުގެ އުފަން ދުވަހު އޭނާގެ ދޮށީ ދަރިފުޅު ބާބިލް ހާން ވަނީ އިންސްޓަގްރާމްގައި އިރުފާނުގެ ފޮޓޯތައް ހިއްސާކޮށްފައެވެ. ބާބިލް އެންމެ ކުޑައިރުން ފެށިގެން އިރުފާން އާއި އެކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި ވާއިރު އޭނާ ވަނީ މާނަ ފުން މެސެޖެއްވެސް ދޫކޮށްލާފައެވެ.

"އެ ސުވާލުތައް ރޭގަނޑު އަހަރެން ހޭލާ ބަހައްޓާ. އެއީ މިހާތަނަށް އަހަރެން ކޮށްފައިވާ އަދި ދެން ދުވަހަކުވެސް ކުރެވޭނެ ސުވާލުތަކެއް ނޫން." ބާބިލް ގެ މެސެޖްގައި ބުނެފައިވެއެވެ. މީގެ އިތުރުން އޭނާ ވަނީ އިރުފާނުގެ ހިނިތުންވުން މަތިން ހަނދާންވާކަމަށް ބުނެފައެވެ.