ރައްކާތެރި ގޮތެއްގައި ކުނި ނައްތާލައި ދުވާފަރުގެ ރައްޔިތުން މިކަމަށް އަހުލުވެރި ކުރުމަށް "ނަލަ ދުވާފަރު" ގެ ނަމުގައި އެމްޑަބްލިޔުއެސްސީއިނ އެ ރަށުގައި ކެމްޕެއިނެއް އިފްތިތާހު ކޮށްފިއެވެ.
އެ ކެމްޕޭން އިފްތިތާހްކޮށްދެއްވީ ރ.ދުވާފަރުގައި އިއްޔެ ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އެ ރަސްމިއްޔާތުގައި ދުވާފަރު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން އެމްޑަބްލިޔުއެސްސީގެ އެގްޒެކެޓިވް މެނޭޖުމަންޓް ޓީމާއި މުވައްޒަފުން އަދި ރަށުގެ ރައްޔިތުންވެސް ވަނީ ބައިވެރިވެފައެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ އެ ކެމްޕެއިންގެ މައިގަނޑު މަގްސަދަކީ ރ.ދުވާފަރު ނަލަ، ސާފު ރަށެއްގެ ގޮތުގައި ބޭއްވުމާއި އަދި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް އިރުތަށް ފަސޭހަ ކޮށްދިނުން ކަމަށާއި ކުނީގެ ބާވަތްތައް ވަކިކުރުމަށް ހާއްސަ ޑަސްބިންތަކެއް ދުވާފަރުގެ ކޮންމެ ގޭބިސީއަކަށް ހަވާލުކުރެވިގެން ދާނެ ކަމަށެވެ.
ދުވާފަރުގެ ރައްޔިތުންގެ މެދުގައި ކުނި މެނޭޖްކުރުމުގެ އުސޫލްތަކަށް އިތުރަށް އަހުލުވެރިކުރުމަށް ޑޯޓުޑޯ ކެމްޕެއިންވެސް ކުރިއަށްގެންގޮސްފައިވާއިެރު އެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ނިންމާލީ ދުވާފަރު ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމްއަކުންނެވެ.
އެ ކެމްޕެއިންނާ ގުޅިގެން "ކުޑަކުދިންނާއިއެކު އެމްޑަބްލިޔުއެސްސީ" ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ކުންފުނީގެ އަމާޒަކީ ރައްކާތެރި އަދި ދެމެހެއްޓެނެވި ގޮތެއްގައި ރ. ދުވާފަރުގައި ކުނި މެނޭޖްކޮށް ސާފު މާހައުލެ ދުވާފަރުގެ ރައްޔިތުނަށް ފޯރުކޮށްދިނުން ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ.