މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފައިސާ ހޯދުމަށް "ޗާލު މިސްކިތް ފަންޑް" ގެ ނަމުގައި މާލެ ސިޓީ ކައުންސިލުން ހުޅުވާލާފައިވާ ފަންޑަށް އެމްފައިސާ މެދުވެރިކޮށް ޑޮނޭޓް ކުރެވޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.

އުރީދޫން ބުނީ، މާލެ ސިޓީ ކައުންސިލާ ގުޅިގެން މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް އެހީވުމަށް އުފެއްދި ޗާލު މިސްކިތް ފަންޑަށް އެމް-ފައިސާ މެދުވެރިކޮށް ހަދިޔާ ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އުފާ ކުރާ ކަމެއް ކަމަށެވެ. އެ ފަންޑަށް ފައިސާ ހަދިޔާ ކުރުމަށް އެމް-ފައިސާ މެދުވެރިކޮށް މިސްކިތްތަކުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްލުމަށް ފަހު އެމްފައިސާ މެދުވެރިކޮށް އެ ފަންޑަށް ފައިސާ ފޮނުވޭނެ ކަމަށް އުރީދޫން ބުނެއެވެ.

މާލެ ސިތީ ކައުންސިލުން ވަނީ ޗާލު މިސްކިތް ފަންޑޤގެ ނަމުގައި ދެ ދުވަހުގެ ފަންޑް ރެއިސް އިވެންޓެއް ބާއްވަން ނިންމާފައެވެ. އެ އިވެންޓް މިއަދު އޮންނާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށް އަދި ރޭގަނޑު 8:00 އިން 11:00 އާ ހަމައަށެވެ. މާދަމާ އެ ހަރަކާތް ބާއްވާނީ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ.

މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުތަކަށް ފަންޑް ރެއިޒްކުރުމަށް ބާއްވާ އެ އިވެންޓަށް ރައްޔިތުންނަށް ދައުވަތު ދެއްވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި އިވެންޓް އޮންނާނީ ކުޑަކުދިންގެ ހަވީރަކާ އެކު ކަމަށާއި އިވެންޓުގައި ބައިވެރި ނުވެވުނަސް މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްތައް އޮންލައިންކޮށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

މާލެ ސިޓީން މިސްކިތް މަރާމާތު ކުރުމަށް ހުޅުވާލި ފަންޑަށް އެމްފައިސާ މެދުވެރިކޮށް ޑޮނޭޓް ކުރެވޭ ގޮތް ހަމަޖައްސާފައިވާ އިރު، އުރީދޫން ވަނީ ސްލާމިކް މިނިސްޓްރީއާ ގުޅިގެން އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު މިސްކިތްތަކަށް އެހީވާ ވަގްފް ފަންޑަށް ފައިސާ ވަގްފް ކުރެވޭނެ ގޮތް ވެސް ހަމަޖައްސާފައެވެ.

ރައްޔިތުންގެ ދިރިއުޅުން މުއްސަނދި ކުރުމަށް އުރީދޫ މޯލްޑިވްސް އިން ގެންގުޅޭ ތަސައްވުރާއި އެއްގޮތަށް، ފެށުނީއްސުރެ ވެސް އެކުންފުނިން ދަނީ ފަސޭހަކަމާއި ރައްކާތެރިކާމާ އެކު އެމްފައިސާ ޕްލެޓްފޯމް މެދުވެރިކޮށް ސަރުކާރާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ފައުންޑޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހި ކޮށްދެމުންނެވެ. އެގޮތުން އެމްފައިސާ މެދުވެރިކޮށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެވޭ ފަރާތްތަކުގެ ތެރޭގައި ކެންސާ ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ، ފިޔަވަތި، މޮމްސް އެންޖީއޯ އާއި ޕީސް ފައުންޑޭޝަން ހިމެނެއެވެ.