ރ. އަލިފުށި އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅައިފިއެވެ.

އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެއާޕޯޓް ޓާމިނަލްގެ ބިންގާ އަޅުއްވައި ދެއްވީ އެ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނާއި އެ މަޝްރޫއު ހަވާލުވެފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާނެވެ.

އެމްޓީސީސީން ބުނީ އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތް ނިމުމުން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އެރަށުން ފުރައިގެން ކައިރި އެހެން އަތޮޅުތަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހަމައެއާއެކު ފަތުރުވެރި ކަމާއި، ވާޑާން ކުރުމާއި، ބޯޓުޔާޑުގެ ވިޔަފާރި ފުޅާވެ އިގްތިސޯދު އާ މިސްރާބަކަށް ބަދަލުވެގެންދާނެ ކަމަށާއި އަލިފުށީ ސަރަހައްދުގައި އާ ރިސޯޓްތައް އުފެދި ގެސްޓް ހައުސް ވިޔަފާރި ފުޅާވެގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. އަދި އެ އެއާޕޯޓުން ފުރައިގެން ވިއްސަކަށް މިނިޓްތެރޭ ވާދޫއަށާއި، ރަސްގެތީމަށާއި، އަނގޮޅިތީމަށާއި، ށ. ކޮމަންޑޫއަށް ދަތުރު ކުރުމުގެ ފުރުސތު ލިބިގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

އަލިފުށީ ބިން ހިއްކުމުގެ މަޝަރޫއުގެ ދަށުން 50.5 ހެކްޓަރުގެ ބިން ރަށަށް އިތުރުކުރެވިގެން ދާއިރު، އެ ބިމަކީ ސީދާ ރަށު ފަސްގަނޑާ އެއްފަސްވެގެން ހިއްކޭ ބިމެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެހެންކަމުން މި މަޝްރޫއު ނިމިގެން ދާއިރު އަލިފުށީ ބިމުގެ ސައިޒް ވެސް ދެގުނައަށް ބޮޑުވެ 109 ހެކްޓަރުގެ ބޮޑު ރަށަކަށް ރ. އަލިފުށި ބަދަލުވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ދެ މަޝްރޫއުއަށް ދައުލަތުން 451 މިލިއަން ރުފިޔާ ހަރަދުކުރެއެވެ.