ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރުގެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް ގިނަ ބައެއްގެ އަތުން ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކުރި ތިން މީހުން ދޫކޮށްލައި މައްސަލަ ފައިލްކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންނަކީ:

  • ހަމްދޫން އަބްދުﷲ، އަކިރި / ބ. ދަރަވަންދޫ (37އ)
  • މުހައްމަދު މިހާދު މުސްތަފާ، ހީމަ / ބ. ދަރަވަންދޫ (24އ)
  • މައުމޫން މޫސާ، ސީސްޓާ / ށ. ފުނަދޫ (37 އަހަރު)

މީޑިއާ އަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ އެ މައްސަލައާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރުމުން، ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާ އެއް ކުރެވޭނެ ވަރުގެ ހެކިތަކެއް ނޫން ކަމަށް އެ އޮފީހުން އަންގާފައިވާ ކަމަށާއި، އެހެންވެ މައްސަލަ ފައިލްކުރަން އެ އޮފީހުން ލަފާދީފައިވާ ކަމަށެވެ.

ވުމާއެކު، މިދިޔަ ނޮވެމްބަރު މަހުގެ ތެރޭ އެ މީހުން ދޫކޮށްލައި މައްސަލަ ފައިލްކުރީ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ލިބިއްޖެ ނަމަ އަލުން ބެލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ބުންޏެވެ.

ފުލުހުން ކުރި ބުނިގޮތުގައި، އެ މައްސަލައިގައި ތުހުމަތުކުރެވުނު މީހުންގެ ތެރެއިން ހަމްދޫނަކީ ބްލެކްމެއިލް ކުރުމުގައި އެންމެ އިސްކޮށް އުޅުނު މީހާއެވެ. އަދި ހަމްދޫނަކީ އަލަމްގީއަށް ވަޒީފާ ދީ މާލޭގައި އުޅެމުން ދިޔަ ގޭގައި އޭނާ އާ ހަވާލުވެގެން ހުރި މީހާއަށް ވާއިރު މިހާދަކީ ހަމްދޫންގެ ދައްތަގެ ދަރިއެއް ކަމަށް، އަލަމްގިރީގެ ލީކުވި ބަޔާނުގައިވެއެވެ.

ގިނަ ފިރިހެނުންތަކަކާ އެކު އެއްޖިންސުން ގުޅުން ހިންގުމާއި އޮރިޔާން ކާޑު އުފެއްދި ކަމަށް ސާބިތުވެ، އަލަމްގީރު ތިން އަހަރާއި ހަތަރު މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.