ރ. ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ހެނދުނަށް ތާވަލު ކޮށްފިއެވެ.
ފުއްގިރި ކުއްޔަށް ދޫކުރުމުގައި ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މއ. ކުރިކީލަހިޔާ އަހްމަދު "ކްރިކް" ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯއްދަވައި، އެ ފައިސާ ސަންގެ ދެ ކުންފުނި މެދުވެރިކޮށް ލޯންޑާ ކުރި ކަމުގެ ތުހުމަތުގައެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި މަނީ ލޯންޑާ ކުރައްވައި ރިޝްވަތު ނެންގެވިކަން ސާބިތުވުމުން މާފުށި ޖަލުގައި މިހާރު ހުންނެވި ޔާމީނާއި، ރިޒާގެ މައްޗަށް ފުއްގިރި މައްސަލައިގައި ކުރާ ދައުވާތަކުގެ އަޑުއެހުން މާދަމާ ހެނދުނު 10 ޖަހާއިރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އޮގަސްޓު މަހުގައި ބޭއްވި އިބްތިދާއީ އަޑުއެހުމަށް ފަހު ފުއްގިރީގެ މައްސަލައިގައި އިތުރު އަޑުއެހުމެއް ނުބާއްވައެވެ. އެ މައްސަލައާ ހަވާލުވެ ވަޑައިގެން ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ. އެހެންކަމުން އެ މައްސަލައިގެ ޝަރީއަތް ދެން ކުރިއަށް ގެންދާނީ ގާޒީ އަލީ ނަދީމެވެ.
އެ މައްސަލަ ކުރިއަށް ދަނިކޮށް ފުއްގިރި ވިއްކާލަން މިދިޔަ މާޗް މަހު ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރިއެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތުން ދައްކާ ގޮތުގައި ފުއްގިރީގެ ހެޑްޕީސް ހޯލްޑަރަކީ ސިޓީ މޯލްޑިވްސް ކުންފުންޏެވެ.