ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލި މީހަކު ހަތް އަހަރަށް ޖަލަށް ލައިފިއެވެ.

18 އަހަރުން ދަށުގެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލި ކަމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ ހިޔާވަހި / ބ. ތުޅާދޫ، އުނައިސް އަހްމަދު ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަށް އިންކާރުކުރި ނަމަވެސް، ދައުވާގައި ބަޔާންކޮށްފައިވާ ވާގިއާ އެގޮތުގައި ހިނގާފައިވާ މިންވަރަށް ސާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާތީ، އުނައިސްގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކަނޑައަޅައިފައެވެ.

އެހެންކަމުން އުނައިސްގެ މައްޗަށް ކުށް ސާބިތުވާތީ ކްރިމިނަލް ކޯޓުން ކަނޑައެޅީ އޭނާ 10 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. ނަމަވެސް އޭނާ ދެ އަހަރާއި ހަ މަހާއި ހަ ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު އުނިކޮށް ކޯޓުން ހުކުމްކުރީ އޭނާ ހަތް އަހަރާއި ފަސް މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ ގާޒީ އާދަމް މުހައްމަދެވެ.