2017 ވަނަ އަހަރު ހުޅުމާލޭގައި ތޫނު އެއްޗެހިން ހަމަލަދީ މަރާލި ގއ. ދާންދޫ، ގޯލްޑްރީފް، ހާރިސް އަބްދުލްގަފޫރުގެ މަރުގެ މައްސަލާގައި ދައުވާ ލިބުނު ޔާމީން ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވެ، ސަލާމަތް ވެއްޖެއެވެ.

ހާރިސް މަރާލި މައްސަލައާ ގުޅިގެން ފުވައްމުލަކު، ހިލްޓަން، ޔާމީން ރަޝީދަށް ދައުލަތުން ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އެހެންނަމަވެސް ޔާމީން ވަނީ އެ ދައުވާއަށް އިންކާރު ކޮށްފައެވެ.

މި މައްސަލާގައި ހެކި ބަސް ދިން ފުލުހަކު ވަނީ މީގެ ކުރިން ޔާމީންއާއި ހާރިސްއާ ދެމެދު މާރާމާރީއެއް ހިނގިކަން ފާހަގަ ކޮށްފައެވެ. އަދި އޭނާ ދިރިއުޅެމުން ދިޔަ ގެ ބަލާ ފާސްކުރި އިރު އެ ގޭގެ އަލަމާރިއަކުން ބޮނޑިކޮށްފައި އޮތް ޖިންސެއްގެ ތެރެއިން ލޭ ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައި ވެއެވެ.

އެ ޖިންސުން ޔާމީނާއި ހާރިސްގެ ޑީއެންއޭ ލިބިފައިވާއިރު ހާދިސާ ހިނގި ސަރަހައްދުން ފެނުނު ފައިވާނުން ޔާމީނުގެ ޑީއޭންއޭ ވަނީ ލިބިފައެވެ. އެހެންނަމަވެސް ޖިންސުން ފެނުނު ލެޔަކީ އޭގެ ކުރިން އެ ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީގެ ލެއަށްވުމުގެ ފުރުސަތު އޮތް ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

ހާރިސް އަށް ހަމަލާދީފައި ވަނީ މޫނު ނިވާކޮށްގެނެ ކަމަށް ހެކިވެރިން ބުނެފައިވީ ނަމަވެސް ހަމަލާދިނީ ސީދާ ޔާމީން ކަމެއް އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ.

މީގެ އިތުރުން އެ މައްސަލާގައި ކޯޓުގައި ހެކިބަސް ދިން ސިއްރު ހެކިވެރިޔަކު ވަނީ 2015 އަދި 2016 ވަނަ އަހަރު ހާރިސްއަށް މެސެޖުކޮށް، ފޯނުން ގުޅާ އަދި މަގުމަތިން ދިމާވެގެން ޔާމީން މަރުގެ އިންޒާރުދީފައި ވާ ކަމަށް ޔާމީންގެ ފޮޓޯ ދައްކާ ހާރިސް ބުނި ކަމަށް ބުނެފައެވެ.

އެހެންނަމަވެސް މި މައްސަލާގައި ޔާމީން ރަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ނިންމާފައެވެ.

ހާރިސް މަރާލަން ހަށިގަނޑުގެ 15 ތަނަކަށް ފުން ޒަހަމްތަކެއް ދީފައިވާއިރު އޭނާ މަރުވީ ދީފައިވާ ޒަހަމްތަކުން ގިނަ އަދަދެއްގެ ލޭ ބޭރުވެ، ހަށިގަނޑުގައި ވިންދު ހިނގަން ބޭނުންވާ މިންވަރަށް އޮކްސިޖަން ހަށިގަނޑުގައި ނެތުމުން ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.

ހާރިސް މަރާލަން ހަމަލާ ދިނީ ހުޅުމާލޭގައި ހުންނަ ހާފްވޭ ހައުސް އާ ދިމާއަށް ހިނގާފައި ދަނިކޮށެވެ.