ގިނަ ދުވަސްތަކެއް ވަންދެން ކަންސަރާ ހަނގުރާމަކުރުމަށް ފަހު ބްރެޒިލްގެ ފުޓްބޯޅައިގައި އެންމެ ފާހަގަކޮށްލެވޭ އެއް ތަރި ކަމަށްވާ ޕެލޭ ރޭ މަރުވެއްޖެއެވެ.

އުމުރުން 82 އަހަރުގެ ޕެލޭ 2021 ވަނަ އަހަރުން ފެށިގެން ކޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ އިރު މިދިޔަ ނޮވެމްބަރު މަހު ޑޮކްޓަރުން ވަނީ އުއްމީދު ކަނޑާލާ އޭނާއަށް އެންމެ ފަހުގެ ފަރުވާތައް ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އޭނގެ ފަހުން އާއިލާއިން ސޯޝަލް މީޑިއާގައި އޭނާއާ ބެހޭ އެކި އެކި ޕޯސްޓްތައް ހިއްސާކުރަމުން ދިޔަ އިރު ނިމިގެން ދިޔަ ވޯލްޑްކަޕްގެ ވާހަކަތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ.

އާއިލާއިން އެންމެ ފަހުން ހިއްސާކުރި ޕޯސްޓްގައި ޕެލޭގެ މޭމަތީގައި އަތް ބާއްވާލައިގެން އޮތް ފޮޓޯއެއް އާއްމުކުރި އިރު އޭނާ މަރުވި ކަން އެޕޯސްޓުން ވަނީ ކަށަވަރުކޮށްދީފައެވެ.

ބްރެޒިލްގެ ޕެލޭ އަކީ ފުޓްބޯޅައިގެ ތާރީހުގައި ވެސް ތިން ވޯލްޑްކަޕް ތަށި އުފުލާލި ހަމައެކަނި ކުޅުންތެރިޔާއަށް ވާ އިރު އޭނާ ވަނީ 1958، 1962، އަދި 1970 އަހަރު ވެސް މި ތަށި ބްރެޒިލް އަށް ހޯދައިދީފައެވެ.

ޖުމްލަ 21 އަހަރަށް އޭނާގެ ފުޓްބޯޅަ ކެރިއާ ކުރިއަށް ދިޔަ އިރު ޕެލޭ ވަނީ 1،363 މެޗުގެ ތެރޭގައި ރެކޯޑް 1،281 ގޯލު ޖަހާފައެވެ. މީގެ ތެރޭގައި ބްރެޒިލް އަށް ކުޅުނު 92 މެޗުގައި ޖެހި 77 ލަނޑު ވެސް ހިމެނެއެވެ.

ޕެލޭގެ ވަކިވުމާއެކު މުޅި ފުޓްބޯޅަ ދުނިޔޭގެ އިތުރުން އެކި އެކި ކުޅިވަރުތަކުގެ ޝަހްސިއްޔަތުތައް ތައުޒިއްޔާ ފޮނުވަމުން ދާ އިރު ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ޕެލޭއަކީ ބްރެޒިލް ފުޓްބޯޅައިގެ ރަސްގެފާނު ކަމަށާ އޭނާ ބްރެޒިލްއަށް އާ ފުޓްބޯޅައެއް ގެނެސްދިން ކަމަށެވެ.

ޕެލޭ މަރުވުމާ ގުޅިގެން ބްރެޒިލްގެ ރައީސް ވަނީ އެގައުމުގައި ތިން ދުވަހަށް ހިތާމަ ފާޅުކުރާނެ ކަން އިއުލާނުކުރައްވާފައެވެ.