އަންނައުނު ދޮވެ ހިއްކުމަކީ މިޒަމާނުގައި އެހާ އުނދަގޫ ކަމެއް ނޫނެވެ. އެކި ބްރޭންޑު ތަކުގެ ދޮންނަމެޝިނުތަކާއި، ހިއްކަން ހާއްސަ މެޝިނުވެސް މިހާރު ލިބެން އެބަހުއްޓެވެ. ނަމަވެސް އެއްޗެހި ދޮވުމުގައި ގޮންޖެހުމަކަށް ގިނަ ފަހަރަށް މިވަނީ އަންނައުނުގައި ޖެހޭ އެކި ކަހަލަ ލައްތަކާއި ކުލަތައް ފިލުވުމާއި، އަދި މެޝިނުން އެއްޗެހި ދޮންނަ އިރު ދިމާވާ އިތުރު މައްސަލަތަކެވެ.

ސައިންސްވެރިން މިފަހުން ހޯދި މިހޯދުމަކީ މިފަދަ ކަންތައްތަކާ ކުރިމަތިލާ އަންހެނުންނަށް ހާއްސަކޮށް ވަރަށް ބޭނުން ހިފޭނޭ އުކުޅު ތަކަކަށް ވާނެކަން ގައިމެވެ.

ދޮންނަ ކުނޑި އަދި ސޮފްޓްނާ ފަދަ ތަކެތި އުފެއްދުމަށް މަޝްހޫރު ކުންފުނި އޭރިއަލްގެ ސައިންސްވެރިޔާ މާޓިން ޓާބެކް ހާމަކޮށްފައިވާ ބައެއް ބޭނުންތެރި އުކުޅުތަކުގެ ތެރޭގައި ކުލައިން އަދި އެހެން އެއްޗަކުން ވެސް ލައްޖެހިފައި ހުންނަ އަންނައުނު ދޮވުމުގެ ކުރިން ފްރީޒާގައި އިރުކޮޅަކު ބާއްވާފައި ފިނިކޮށްފައި ދޮވުމުން ލައްތައް ވަރަށް ފަސޭހައިން ފިލައެވެ. ލިޕްސްޓިކްގެ ކުލަ ފަދަ ތަތްކަން ގަދަ ކުލަތައް ވެސް މިގޮތަށް ހެދުމުން ފިލާކަމަށް ބުނެފައި ވެއެވެ.

އަންނައުނު ދޮންނަން މެޝިނަށް ލާފައި. ޓެމްޕްރޭޗާ ދަަށްކޮށް ދޮވުމުން އެއްޗިހި ގިނަދުވަހު ގެންގުޅެވޭ

މާޓިން އިތުތަށް ބުނެފައިވާ ގޮތުން އަންނައުނު ދޮންނަން މެޝިނަށް އަޅާއިރު ނުބައި ފުށަށް ޖަހާފައި ދޮވުމުން އަންނައުނު ހަލާކުނުވެ ގިނަ ދުވަހު ބޭނުން ކުރެވޭ ކަމަށާއި، ޒިބު ލާފައި ހުންނަ ތަކެތި މެޝިނަށް ލުމުގެ ކުރިން ރަނގަޅަށް ޒިބު އަޅުވާފައި ލުމުން އެއާ އެކު އަޅާ އެހެން އަންނައުނު ތައް ޒިބުގައި އަޅައިގަނެ ހަލާކުވުމުން ސަލާމަތްވުމުގެ އިތުރުން ގޮށް ހަރުކޮށްފައި ހުންނަ ތަކެތި ރަނގަޅަށް ގޮށް އެޅުވުމަށް ފަހު ދޮންނަން ލުމުން އެއްޗެހި ދޮވެވޭ އިރުގައި އެކަތި އަނެކަތީގައި އޮޅި، ދެމި ހަލާކު ވުމުން ސަލާމަތްވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަހަރެމެނަށް އަބަދުވެސް ހީވެފައި އޮންނަނީ އަންނައުނު ދޮންނަ އިރު މެޝިނުގެ ޓެމްޕްރޭޗާ ހޫނު ކުރުމުން އެއްޗެހި ރީއްޗަށް ދޮވެވޭނެ ކަމަށެވެ. ނަމަވެސް 40 ޑިގްރީ އަށް ވުރެ ދަށުގައި މެޝިނުގެ ޓެމްޕަރޭޗާ ބަހައްޓައިގެން ދޮވުމުން އަންނައުނުގައި ހުންނަ ލައް ފަދަ ތަކެތި ފިލުވަން ފަސޭހަ ކަމަށް ވެއެވެ. އަދި މާޓިންގެ ހޯދުން ތަކުން ދައްކާ ގޮތުން ފިނިކޮށް އަންނައުނު ދޮވުމުން ދޮންނަމެޝިނުގެ ކަރަންޓު ވެސް ބޭނުން ކުރެވޭ މިން ދަށްވެއެވެ. މިގޮތުން މެޝިނުން ކަރަންޓު ހިނގާ މިންވަރު 60 އިންސައްތަ އަށް ދަށް ކުރެވެއެވެ. މީގެ އިތުރުން ފިނި ޓެމްޕަރޭޗާގައި ދޮވުމުން އަންނައުނު ހަލާކުނުވެ ގިނަ ދުވަހު ގެންގުޅެވޭ ކަމަށާއި އަންނައުނުން ކުލަ ދިޔުންވެސް ކުޑަ ކަމަށް މިހޯދުމުން ދައްކައެވެ.

އޭރިއަލް ކުންފުނިން ހެދި މިދިރާސާ ހަދާފައި ވަނީ އާންމުކޮށް އަބަދުވެސް މެޝިނުން އަންނައުނު ދޮންނަ 2000 މީހަކު ބައިވެރި ކޮށްގެންނެވެ.