އަތޮޅު ތެރޭގައި 4 މަޝްރޫއުއެއް ހިންގަން ޕްލޭނިން މިނިސްޓްރީއިން 2 ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެގޮތުން 3 މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކުރިއިރު އަނެއް މަޝްރޫއު ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ.

ލ. ގަން މަގުތަކުގައި ތާޅުއެޅުމުގެ މަޝްރޫއު:

ލ. ގަން މަގުތަކުގައި ތާޅުއެޅުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީއިން ހަވާލުކޮށްފައި ވަނީ 104.04 މިލިއަން ރުފިޔާއަށް 600 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އާރްޑީސީއަށެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖަރު މޫސާ އަލިމަނިކެވެ.

އެ މަޝްރޫއުގެ ދަށުން 4.5 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމާއި މަގުތަކުގައި ފެންހިންދާ ނިޒާމް ގާއިމްކުރުމާއި މަގުތަކުގައި މަގުބައްތިޖެހުން ހިމެނޭ ކަމަށް ޕްލޭނިން މިނިސްޓްރީއިން ބުނެއެވެ.

ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު:

ގއ. ދެއްވަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ޕްލޭނިން މިނިސްޓްރީއިން ހަވާލުކޮށްފައި ވަނީ 24،160،580.00 ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއަށެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ.

އެ މަޝްރޫއުގެ ދަށުން އެ ރަށުގެ އުތުރު، އިރުމަތި އަދި ދެކުނު، ދެކުނު ފަރާު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ ގޮތުން 120 މީޓަރުގެ ބޮޑު ހިލަައިގެ ރިވެޓްމަންޓް، އެގާރަ ބޮޑުހިލައިގެ ވައި ގްރޮއިން (ޖުމްލަ 440 މީޓަރު) ގާއިމްކުރުމާއި ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނޭ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ނ. ވެލިދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު:

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 50،042،766.42 ރުފިޔާއަށް 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫއެކެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ.

އެ މަޝްރޫއުގެ ދަށުން 67،020 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 19513 ކިއުބިކް މީޓަރު އާ ބަނދަރު ފުން ކުރުމާއި 2414 ކިއުބިކް މީޓަރު ނެރު ފުން ކުރުމާއި 12 މީޓަރު ބްރޭކްވޯޓާ ޖެހުން ހިމެނެއެވެ. އަދި 151 މީޓަރު ރިވެޓްމެންޓް ޖެހުމާއި 167 މީޓަރު އެއްގަމު ތޮށި ޖުހުމާއި 155 މީޓަރު ސްކޯރިން އެޕްރޮން ޖެހުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން 10 މޫރިން ބޮކި ހަރުކުރުމާއި 121 އަކަ މީޓަރު ރޭންޕެއް ހެދުމާއި 120 މީޓަރު ކޮންކްރީޓް ޖެޓީއާއި 2 ނެވިގޭޝަން ލައިޓް ހަރުކުރުމުގެ އިތުރުން 2433 އަކަ މީޓަރު ޕޭވްމެންޓް ހެދުން ވެސް އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ.

ނ. ހޮޅީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު:

ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 68،768،934،82 ރުފިޔާއަށް 640 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫއެކެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ.

އެ މަޝްރޫއުގެ ދަށުން 66،701 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި 2،205 ކިއުބިކް މީޓަރު ނެރު ފުން ކުރުމާއި 281 މީޓަރު ބްރޭކްވޯޓާ ޖެހުން ހިމެނެއެވެ. އަދި 40 މީޓަރު ސަބްމާޖް ބްރޭކްވޯޓާއާއި 95 މީޓަރު ރިވެޓްމެންޓް ޖެހުމާއި 366 މީޓަރު އެއްގަމު ތޮށި ޖުހުމާއި 366 މީޓަރު ސްކޯރިން އެޕްރޮން ޖެހުން ވެސް އެ މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން 10 މޫރިން ބޮކި ހަރުކުރުމާއި 121 އަކަ މީޓަރު ރޭންޕެއް ހެދުމާއި ކޮންކްރީޓް ޖެޓީއާއި 2 ނެވިގޭޝަން ލައިޓް ހަރުކުރުމުގެ އިތުރުން 19 މަގު ބައްތި ހަރުކުރުމާއި 1720 އަކަ މީޓަރު ޕޭވްމެންޓް ހެދުން ވެސް އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ.