ރިޔާސީ ޕްރައިމަރީއަށް އެމްޑީޕީގެ އެންމެ އިސް ދެލީޑަރުން ނުކުމެވަޑައިގެންފައި ވާ އިރު ކެމްޕެއިނުގެ ފޯރި އަދި ރަނގަޅަކަށް ނުހިފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަގަހައިގައި ސަޕޯޓަރުން އަދި ބާއްވަނީ ޖަހަގަ ޖަލްސާއެވެ. އާންމު ތަންތަނަށް ނުކުމެ ރައްޔިތުންނާއެކު ފޯރި އަރުވައެއް ނުލައެވެ.

ޖަގަހަ ޖަލްސާތަކަށް ވުރެ ބޭރަށް، ރައީސް ނަޝީދުގެ ކޭމްޕުން ރޭ ނުކުތުމުން ފެނުނު މަންޒަރު ތަފާތެވެ. ޖޯޝާއި ފޯރި ގެންނަން އެމްޑީޕީގެ މެންބަރުން އެދޭކަމާއި އެ ޖޯޝާއި ފޯރިން އިތުރު "އެނާޖީއެއް" އުފެދޭތަން ފެނެއެވެ. އެއީ އަސްލު އެމްޑީޕީއެވެ.

އެމްޑީޕީ އުފެދިގެން އައީ އޭގެ ކުރިން އޮތް "ބަންދު ކޮޓަރީގެ" އަބުއި ސިޔާސަތާ ދެކޮޅަށް ރައްޔިތުންނާ ގާތުން، ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންނާ ބައިވެރިވެ، ތެމެންޏާ ތެމިގެން، އަނދަންޏާ އަނދައިގެން، އެކައްޗެއް ކައިގެން، އަދި އެއްތަށިން ބޮއެގެން، ރައްޔިތުންނާ އެއް ސަފެއްގައި ހިނގާށެވެ.

މިއީ ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް އާ ވާހަކަ އަކަށް ނުވިއަސް، ވަޒީފާއާއި އަޅާ ޓައީގެ ސަބަބުން ތޮބީއަތަށް އަންނަ ބަދަލަކާ ހުރެ ރައްޔިތުންނާ އެކު އެއް މޭޒެއްގައި "ކަޅުސައި ތަށި" ބޯލުމަކީ ކޮންމެ ކޮންމެ ސިޔާސީ ލީޑަރަކަށް ފަސޭހަކަމެއް ނޫނެވެ.

ރައީސް ނަޝީދަކީ "މަގު މައްޗަށް ހާއްސަ" ކެންޑިޑޭޓެއް ކަމުން، ސީދާ ހަރަކާތުގެ ހުރިހާ އުކުޅުތަކެއް އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. މިއަދުވެސް ނަޝީދު ބޭނުން ކުރައްވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ނިންމަން ފެށި ދަތުރާ ހިސާބުން ހޯއްދެވި ތަޖުރިބާގެ "ފޯމިއުލާ" އެވެ.

ކޮންމެ ކަމަކަށް "ރިއެކްޓް" ކުރައްވަނީއެވެ. ފަހުން ނުކުމެދާނެ ނަތީޖާއެއް، ނުވަތަ ރިޒާލްޓަކަށް ނުބައްލަވާ ހަލަނި ކޮށް އުޅުއްވަނީއެވެ. ބައެއް މީހުން ބުނަނީ "އަވިއްސެއްހެން" އުޅުއްވަނީ ކަމަށެވެ.

އަޅުގަނޑަށް ގަބޫލު ކުރެވެނީ، ނަޝީދަކީ، އެމަނިކުފާނު ހާސިލުކުރައްވަން ބޭނުންފުޅުވާ ކަމެއް، "ފަޅާލައިފައި ވެސް" ހާސިލުކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ބައެއް ފަހަރު ކާމިޔާބު ނުވަނީއެވެ. އެއީ ހަލަނި ކަމުންނެވެ.

ރޭ ސަލްޓަންޕާކްގެ ސްޓޭޖުގައި ނަޝީދު ބޭއްވެވި ކެމްޕެއިން ޖަލްސާ އަކީ ފެށުމެކެވެ. އެ ޖަލްސާގައި މިސަރުކާރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހަށް "ނުވި" ވާހަކަ އާއި "ރިއެކްޓް" އެއް ނުކުރައްވާ ވާހަކައިން އެއްވެ ތިބި މީހުން ކައްކާލިއެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވި އެ ޖަލްސާގައި ފޯރިއާއި ޖޯޝް ގެނެސް އިތުރު އެނާޖީއެއް އުފެއްދިއެވެ.

ނަޝީދުގެ ވާހަކަފުޅަށް އެއްވެ ތިބި މީހުން އަތްޖަހާ، ބައިވެރިވަމުން ދިޔައީ، އެމްޑީޕީ ނޫނަސް އެހެން ޕާތީތަކުގެ ބައެއް މީހުންނަށް ވެސް ފަސޭހައިން ގަބޫލު ކުރެވޭ މެސެޖްތަކެއް ނަޝީދު ދެއްވަމުން ގެންދެވުމުންނެވެ.

އެ ވާހަކަތަކީ "ނުވި" ވާހަކަ އާއި "ރިއެކްޓް" އެއް ނުކުރާ ވާހަކައެވެ. ކޮފީ މޭޒުތަކާއި އާންމު ބައެއް ހޮޅުއަށިތަކުގައި މިސަރުކާރަށް އަމާޒުކޮށް ފާޑުކިޔަން ބައެއް މީހުން ބޭނުން ކުރާ ބަހުރުވައެވެ.

ދެން އުފައްދަން ވީ ސުވާލަކީ، ކޮންމެ ކަމަކަށް ސަރުކާރުން ނުވަތަ ރައީސް ސޯލިހު ރިއެކްޓް ކުރައްވާން ކުރަން ވީ ކޮން ކަމެއްތޯއެވެ. މީހަކު ހަމަ އެއްޗެކޭ ބުނާ އިރަށް ފުންމައިގެން ތެދުވެ ޒުވާބު ދޭންވީތޯއެވެ. ނުވަތަ އެމީހަކު އިޝާރާތް ކުރާ ކަމެއް ހިނގާ ތަނަކަށް ސީދާ ރައީސް ސޯލިހު ވަޑައިގަންނަވަން ވީތޯއެވެ. ނަޝީދުގެ ވެރިކަމުގައި ސެކިއުރިޓީންނަށް އަތުނުޖެހެން ކާރުން "ފުންމާލައިގެން" ވަޑައިގެއްނެނވި ގޮތަށް ސޯލިހުވެސް އުޅުއްވަން ވީތޯއެވެ.

ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް 8 ބިލިއަން ރުފިޔާގެ މަޝްރޫއު މި ސަރުކާރުން ހިންގައިފިއެވެ. ހައި އިމްޕެކްޓް ޕްރޮޖެޓްތަކުގެ ނަމުގައި ރަށްރަށުގެ އުމްރާނީ ތަރައްގީއަށް އަމާޒު ކޮށް ހިންގާ ކުދިކުދި މަޝްރޫއު ނުވަތަ މަސައްކަތްތައް މިސަރުކާރުގައި ބޮޑުތަނުން ގިނަ އިރު ދަތުރުފަތުރާ ގުޅުން ހުރި ދާއިރާ ތަރައްގީ ކުރަން 3.1 ބިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އޭގެ ތެރެއިން ގިނަ މަސައްކަތްތައް ނިމި ރަށްރަށުގެ ރައްޔިތުންނަށް އެ ހިދުމަތްތަކުގެ ފަސޭހަކަން ލިބެމުން އެބަދެއެވެ. ބްރިޖާއި ފްލެޓް ފަދަ ބިޔަ ޕްރޮޖެކްޓް ތަކަކީ ވަގުތު ބޭނުންވާ ކަންކަމަށް ވާއިރު، ދުވާލަކު އެއްފަހަރު އެކަމަށް ރިއެކްޓް ކުރިޔަސް އެއީ އެހެން ނިންމޭ މަސައްކަތްތަކެއް ނޫންތާއެވެ. ހަމަ އެއާއެކު އުމްރާނީ ތަރައްގީގެ އެއްވެސް މަޝްރޫއަކީ އެކަމެއް ނިމުމަށް ފަހު ރައްޔިތުންނަށް އާމްދަނީ ލިބޭނެ މަޝްރޫއުތަކެއް ވެސް ނޫނެވެ. އާމްދަނީ އަކީ އެފަދަ މަޝްރޫއުތައް ހިނގާއިރު ކުރަން ލިބޭ މަސައްކަތާއި، އެފަދަ މަޝްރޫއެއްގެ ހިދުމަތުން އުފެދޭ ވަޒީފާއަކުން ނޫނީ ލިބޭނެ އެއްޗެއް ވެސް ނޫންތާއެވެ. ބްރިޖް ފަދަ ތަންތަނުން ޓޮލް ފީ ނުނަގާ އިރު އަމުދުން ދައުލަތަށް މާލީ އެއްވެސް މަންފާއެއް އެކަމަކުން ނުލިބެއެވެ.

ދަތުރުފަތުރުގެ ފަސޭހަ އަކީ މިއަދު އެކަމަށް އެންމެންވެސް ހެކިވާނެ ކަމެކެވެ. އިހަށް 1500 ރުފިޔާ، 2000 ރުފިޔާ އަށް ކުރި ދަތުރުތައް މިއަދު 150 ރުފިޔާ، 200 ރުފިޔާ އަށް ކުރެވޭނެ މަގު ފަހިކޮށް ދިނުމަކީ ރައީސް ސޯލިހު "ރިއެކްޓް" ކުރައްވާ ކަން ފެންނަ ދިރިހުރި މިސާލެކެވެ.

ޖީއެސްޓީ ބޮޑު ކުރުމާއި މަސްވެރިންގެ އަތުން ހަމަ އަގުގައި މަސް ގަތުމަށް ސަރުކާރުން ރިއެކްޓް ކުރި ގޮތުގެ ވާހަކަ ދައްކާނަމަ، މިއީ ޖީއެސްޓީ ބޮޑުކުރަން އެންމެ އެކަށީގެންވާ ވަގުތުތޯ ސުވާލު އުފެއްދިދާނެއެވެ. ނަމަވެސް އެކަމަށް ރިއެކްޓްކޮށް ޖީއެސްޓީ ބޮޑު ކޮށްފިއެވެ. ދެން އެ ކުޑަކުރާން ރިއެކްޓް ކުރަން ވާނީ، އޭގެ ނަތީޖާއަށް ވެސް ބަލާފައި ނޫންހެއްޔެވެ. މަހުގެ ވާހަކަ ދައްކާއިރު، ދުނިޔޭގެ ބާޒާރުގައި މަހަކީ ފްލަކްޗުއޭޓް ވާ (ބަދަލުވަމުން ދާ) އަގުތަކެއް ހުންނަ އެއްޗެކެވެ. ޑޮލަރުގެ ރޭޓަށް ބަދަލު އަންނަހެން ވާ ކަމެއްގައި، އެ މަގަށް މަސްގަތުން އިންތިޒާމު ނުކުރެވޭހާ ހިނދަކު ރާއްޖޭގެ މަސްވެރިކަމަށް ނުވަތަ މަހުގެ އަގާ ގުޅޭ ގޮތުން އޮތް ބަހުސަށް ރިއެކްޓް އެއް ނުކުރެވޭނެއެވެ.

އެ ހުރިހާ ކަމެއް ބާއްވާފައި އަސްލު ރިއެކްޓް ނުކުރެވިގެން އުޅޭ ވާހަކައަށް ދަމާހެއްޔެވެ. އެއީ ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ނިޒާމު ފުރޮޅާލައި އެމަނިކުފާނަށް ބޮޑުވަޒީރުކަން ހަވާލު ނުކޮށްގެން އޮތް އުދާސްގަނޑެވެ. ވެރިކަމާހެދި އެއްގޮތަކުން ނުވިއްޔާ އަނެއް ގޮތަކުން ތެޅިފޮޅުއްވަނީ އެވެ. އެކަމަށް ރައީސް ސޯލިހު ރިއެކްޓް ކުރެއްވިޔަސް ނުކުރެއްވިޔަސް ރައްޔިތުންގެ މެޖޯރިޓީ އޮތީ ރިއެކްޓް ކުރާ ގޮތަކަށް ނޫނެވެ. ނުވަތަ ނިޒާމު ބަދަލު ކުރާ ގޮތަކަށް ނޫނެވެ.

ނިޒާމު ބަދަލު ކުރަން ބޭނުންފުޅުވެ ނަޝީދުގެ ފަރާތުން ޕެޓިޝަނެއް ވެސް ހެދި ނޫންހެއްޔެވެ. އެކަމުން ނުކުތް ނަތީޖާއަށް ނަޝީދު ރިއެކްޓް ކުރައްވާފައި އެވަނީ، އެކަމުގައި ރައްޔިތުންގެ ތާއީދު ނެތިގެން ނޫންހެއްޔެވެ. އެހެންކަމުން ކޮންމެ ކަމެއްގައި އަވިއްސެއްހެން ރިއެކްޓް ކުރުމުކަމުން ނުކުންނާނެ ހެޔޮ ނަތީޖާއެއްވެސް ނެތެވެ.