ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކޮކެއިނާ އެކު، ސްވިޓްޒަލޭންޑްގެ މީހަކު ރާއްޖެއިން ހައްޔަރު ކޮށްފިއެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ ހޯމަ ދުވަހު އައި ސްވިޓްޒަލޭންޑްގެ 59 އަހަރުގެ ފިރިހެނެއްގެ އަމަލުތައް ހުރި ގޮތުން އޭނާ އާ މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ޗެކް ކުރި ކަމަށެވެ.

އޭނާގެ ލަގެޖު ޗެކްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާތީ ކުރި ތަހުލީލު ތަކުން އެތަކެތި ކޮކެއިނަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އެ ހިދުމަތުން ބުނާ ގޮތުގައި، ބަރުދަނުގައި 2.2 ކިލޯ ހުރި ކޮކެއިންގެ އަގު 7.7 މިލިއަން ރުފިޔާ އަށް އަރައެވެ.

އެ މައްސަލަ އިތުރަށް ތަހްގީގު ކުރުމަށްޓަކައި މަސްތުވާތަކެއްޗާ އެކު އޭނާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.