ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެކުރަން އުޅެނިކޮށް، ނުވަ މަސް ދުވަހުގެ ތެރޭ ފަސްވަނަ ފަހަރަށް މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންގެ ކިލޯ އަކާ އެކު މީހަކު އަތުލައިގެންފިއެވެ.

ރާއްޖެ އެތެރެކުރަން އުޅެނިކޮށް މެފެޑްރޯން އެންމެ ފުރަތަމަ އަތުލައިގެންފައި ވަނީ މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހުގައެވެ. މަސްތުވާތަކެތީގެ އެހެން ބާވަތަކާ އެކު އެދުވަހު 585 ގްރާމްގެ މެފެޑްރޯން އަތުލައިގެންފައިވެއެވެ. މިދިޔަ ތިން މަސް ދުވަހުގެ ތެރޭ ދެ ކިލޯ އަށް ވުރެ ގިނަ މެފެޑްރޯން އަތުލައިގެންފައިވެއެވެ.

ކަސްޓަމްސް އިން ބުނީ، ޕޯސްޓް މެދުވެރިކޮށް ގެނައި ޕެކޭޖުތަކުގެ ތެރެއިން ބެލްޖިއަމުން ރާއްޖެ އަށް އެތެރެކުރި ޕެކޭޖެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން އެތަކެތި ތަހްލީލުކުރުމުން، މެފެޑްރޯނަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، ޕެކިން އާ އެކު އެ ތަކެތީގެ ބަރުދަން 1.01 ކިލޯ އަށް އަރާއިރު، މަގުމަތީ އަގު 2.5 މިލިއަން ރުފިޔަ އަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ ތަކެއްޗާ އެކު އެކަމުގައި ޝާމިލްވާ މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކުރެވިފައި ކަމަށް، ކަސްޓަމްސް އިން ބުނެއެވެ.