މިއަދު ހަވީރު ރ. އުނގޫފާރުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާގައި އައިލެންޑް ޕިކަޕަކާއި ސައިކަލެއް އަނދާފައި ވާއިރު އެތަކެތި ހުރި ވޯކްޝޮޕެއްގައި ރޯވުމުގެ ސަބަބުން އެތަނުގެ ގިނަ އަދަދެއްގެ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ.
އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ޔަގީން ނުވާ ކަމަށެވެ. އެހެންނަމަވެސް އެ ހާދިސާ ހިނގީ އައިލެންޑް ޕިކަޕެއްގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެގެން ވޯކްޝޮޕްގެ ތެރޭގައި ހުޅު ހިފައިގެން ކަމަށް މައުލޫމާތުތައް ލިބިވަޑައިގެންފައި ވާ ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މިއަދު ހަވީރު ގާތްގަނޑަކަށް 4:30 ހާއިރު އަލިފާނުގެ ހާދިސާ ހިނގި ނަމަވެސް މިހާރު އަލިފާން ނިންވާލާފައިވާ ކަމަށް އަބްދުﷲ ރަޝީދު ވަނީ ވިދާޅުވެފައެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ކުރީ އެ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެންނެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ އެތަނުގައި ގިނަ އަދަދެއްގެ ކަރަންޓު ސާމަނާއި އިންޖީނު ހުރި ކަމަށާއި އެތަނުން ނެރެވުނީ އަނދާ ހުލިވެފައިވާ ވެލްޑިން ޕްލާންޓަކާއި ކަރަންޓް ކީހާއި އައުޓު ބޯޑު އިންޖީނު ފަދަ ތަކެތި ކަމަށެވެ. އަދި ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަން ފާހަގަކުރައްވާ އަބްދުﷲ ރަޝީދު ވިދާޅުވީ އެތަނުން ނެރުނު ތަކެއްޗަށް ބަލާއިރު މިލިއަނެއްހާ ރުފިޔާގެ ތަކެތި ހިމެނޭނެ ކަމަށެވެ.