ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ، ފަރެސްމާތޮޑާ އެއާޕޯޓް މަޝްރޫއުގެ 85 ޕަސެންޓް މަސައްކަތް ނިމިފައިވާ އިރު އެއާޕޯޓްގެ ރަންވޭ، ޓެކްސީވޭ، އޭޕްރަން މަސައްކަތް ވެސް ވަނީ ނިމުމާ ގާތަށް ގޮސްފައި ކަމަށެވެ. އެ ގޮތުން އެ މަސައްކަތްތަކުގެ 93 ޕަސެންޓް ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމު ކުރުން ހިމެނެއެވެ. ހަމައެއާއެކު ފަޔާ ބިލްޑިންއެއް އިމާރާތް ކުރުމާއި، ޓާމިނަލް ބިލްޑިންއެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020 ގައެވެ. މަސައްކަތް ނިންމަން އެމްޓީސީސީ އަށް ދީފައިވަނީ 600 ދުވަހެވެ.