ވ. އާރަށް ކުއްޔަށް ދޫކުރި މުއާމަލާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގެވީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ، އެމަނިކުފާނުގެ ދިފާއުގައި ދީފައި ވަނީ ދޮގު ހެކިތަކެއް ކަމަށް، ޔާމީނަށް އިއްވި ހުކުމްގައި ބުނެފިއެވެ.

އާރަށް ކުއްޔަށް ދޫކުރުމުން ޔާމީން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ދައުވާގައި އެމަނިކުފާނުގެ ފަރާތުން ނެގި ދިފާއީ ހެކިންގެ ހެކިބަހުގައި ވާ ގޮތުން، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ފެލިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔޫސުފް ނައީމްގެ އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެކެވެ.

ޔާމީންގެ އެދުމުގެ މަތިން އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ އަތުން ގުނައި ކާރެއްގައި ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރިކަމަށް ބުނެ ޔާމީންގެ ދިފާއުގައި ހެކިބަސް ދިނީ އަބްދުﷲ ރަޝީދު ކިޔާ މީހަކާއި މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝެވެ. ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހެކިބަސް ދިނީ ޑޮލަރު ގަތުމުގެ މުއާމަލާތް، ޔޫސުފް ނައީމް އަތުން ޔާމީނަށް ހަމަޖައްސައިދިން ކަމަށް ބުނެއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އާންމުކުރި ހުކުމްގައިވާ ގޮތުން، ޔާމީންގެ ދިފާއުގައި ހެކިބަސް ދިން ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމް ނަހަމަގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ. ހެކިން ހެކިބަސް ދިން ގޮތުން އޮޅުވާލުމުގެ އިތުރުން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި، އެކަން ހާމަވެފައި ވަނީ ހެކިބަހުގައި ހުރި ފުށޫއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުންޏެވެ. އެ ހުކުމްގައިވާ ގޮތުން:

  • ޔޫސުފް ނައީމާ ފައިސާ ހަވާލުކުރި ދުވަސް ހެކިންނަކަށް ބުނެ ނުދެވޭ
  • ފައިސާ ހަވާލުކުރީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ކަން ބުނެ ނުދެވޭ
  • އެދުވަހު ހިނގި އެހެން ކުދި ކަންކަމުގެ ތަފްސީލު ހެކިން ބުނެފައިވޭ

"މިހާ ކުދިކުދި ތަފްސީލުތަކާ ގުޅިގެން ސުވާލުކުރުމުން ވަގުތުން ޖަވާބު ދީފައިވާކަން އެނގެން އޮންނައިރު މި މުއާމަލާތް ހިނގީ ދުވަހުގެ ކޮން ވަގުތެއްގައިކަން ބުނެދޭން އަހްމަދު ނަރީޝަށް ނޭނގުމަކީ ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އަޖައިބުކުރުވަނިވި، ހައިރާން ކުރުވާ ވަރުގެ ކަމެއް."

"ގަބޫލުކުރެވެނީ ހެކިވެރިޔާ ހެކިބަސް ދީފައި ވަނީ ނުހިނގާ ކަމެއް ހިނގި ކަމަށް ބުނެ ވަކި ގޮތަކަށް ހެކިބަސް ދިނުމަށް ތައްޔާރުވެގެން ކަމަށެވެ."

ނަރީޝް އާ އެކު އެގެއަށް ދިޔަ އަބްދުﷲ ރަޝީދު ދިން ހެކިބަހުގައި ހުރި ފުށޫއެރުންތައް ފާހަގަކޮށް، ހުކުމްގައި ބުނީ:

  • ދޫވެހީގައި ފައިސާ ގުނިއިރު ހުރީ ކޮޅަށްކަން ނުވަތަ ތިބީ އިށީނދެގެން ކަން ބުނެދެވިފައި ނުވާކަމަށް
  • ޔޫސުފް ނައީމް ދޫވެއްސަށް ވަތް ގޮތެއް ބުނެ ނުދެވޭ ކަމަށް
  • 15 މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރުމުން ފައިސާ ހަމަތޯ ނުބަލައި އޭނާ ލިޔުމެއްގައި ސޮއިކުރި ކަމަށް ދެ މީހުންގެ ހެކިބަހުގައި ބުންޏަސް އެއީ ސަބަބުވެރި އިންސާނަކު ކުރާނެ ކަމެއް ނޫން ކަމަށް

ހުކުމްގައިވާ ގޮތުން، ޔޫސުފް ނައީމަށް 15.42 މިލިއަން ރުފިޔާ ހަވާލުކުރީ ސެޕްޓެމްބަރު 2015 ގައި ކަމަށް ނަރީޝާއި އަބްދުﷲ ރަޝީދު ބުނި ނަމަވެސް ސުވާލު އުފެދެއެވެ. އަދި ޔޫސުފް ނައީމަށް އެއް މިލިއަން ޑޮލަރަށް ވާ ދިވެހި ރުފިޔާ ލިބުނު ކަމަށް ބަޔާންކޮށް އެއްވެސް ތާރީހެއް ޖަހާފައި ނެތް ލިޔުމެއްގައި ޔާމީނަށް އެއް މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ހުކުމްގައި ވެއެވެ.

ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރުގެ ޗެކު ޖަމާވެފައި ވަނީ ސެޕްޓެމްބަރު 17 ގައެވެ. ހުކުމްގައިވާ ގޮތުން، މި ކަންކަމަށް ބަލާއިރު ހެކިވެރިން ބުނާ ގޮތަށް ފައިސާ ގެންދިޔަ ނަމަ އެ ގެންގޮސްފައި ވާނީ އެދުވަހު ނުވަތަ އެދުވަހުގެ ފަހުން ކަމަށް ގަބޫލު ކުރެވެއެވެ. ނަމަވެސް ފައިސާ ޖަމާކުރި ތާރީހާ މެދު ސުވާލު އުފެދެނީ ޖެހިގެން އޮތް ދުވަހު ހައްޖަށް ޔާމީން ފުރާފައިވާތީ އާއި، ސެޕްޓެމްބަރު 17 ގައި ނަރީޝް އޭނާގެ ވަޒީފާ އަށް ނުކުތްކަން ސާބިތު ވުމުންނެވެ.

މުހައްމަދު އިސްމާއީލްގެ ހެކިބަހަށް ބުރަދަން ނުދެވޭނެ ސަބަބަކީ ޔޫސުފް ނައީމްގެ އަތުން ޑޮލަރު ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދިން ކަމަށް ބުންޏަސް އިތުރު ކަމެއް އެބަހުން އެނގިފައި ނެތުމުންނެވެ.

ހުކުމްގައިވާ ގޮތުން، ޔާމީން އެގޮތަށް އެކަން ކޮށްފައި ވަނީ ނުބައި ނިޔަތެއް އޮވެގެން ކަން ހާމަވެއެވެ.

ހުކުމްގައި ދެން ފާހަގަކުރީ ތަހްގީގުގައި ޔާމީން ހަނުހުރުމަށް ފަހު ކޯޓުގައި ދިފާއީ ހެކި ހުށަހަޅާފައިވާ މައްސަލައެވެ.

"މައުސޫމް މުއާމަލާތަކާ ގުޅިގެން ޖިނާއީ ބޮޑު ތުހުމަތެއް ކުރެވުމުން ސަބަބުވެރި އިންސާނާ އަވަސްވެގެންނާނީ އެ ތުހުމަތުން ބަރީއަވެވޭނެ ހެކި އަތުގައި ހުރީތީ އެ ހެކިތައް ވަގުތުން ހާމަކުރުމަށެވެ. ޖިނާއީ ބޮޑު ތުހުމަތަކުން ސަލާމަތްވާނެ ސާބިތު ހެކި އަތުގައި ހުރެ، އެ ހެކިތައް ހާމަ ނުކޮށް ހަނު ހުންނާނެ ސަބަބުވެރި އެއްވެސް އިންސާނަކު ހުރެދާނެ ކަމަށް ބުއްދި ގަބޫލެއް ނުކުރެއެވެ.

ޔާމީންގެ ދިފާއީ ހެކީގެ ގޮތުގައި ހުށަހެޅި ލިޔުމަކީ ތަހްގީގުގެ މަރުހަލާގައި ހާމަކުރެވެން އޮތް އެއްޗަކަށް ވާތީ އެއީ ސައްހަ ލިޔުމެއް ކަމަކަށް ޝަރީއަތުން ގަބޫލެއް ނުކުރެއެވެ. އެ ލިޔުމުގައި އެއްވެސް ތާރީހެއް ނެތުމުން މައްސަލައާ ނުގުޅޭ ކަމަށް ވެސް އެ ކޯޓުން ވަނީ ނިންމާފައެވެ. ތަހްގީގުގެ މަރުހަލާގައި އެއްކޮޅަށް ހުރި ހެކި ހާމަނުކޮށް ޝަރީއަތުގައި ހާމަކުރި ހެކިންނަކީ އުފައްދައިގެން ހުށަހަޅާފައިވާ ހެކި ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ ހެކިންގެ ހެކިބަހަށް ބުރަދަނެއް ދެވެން ނެތް ކަމަށް ހުކުމްގައި ވެއެވެ.

ހުކުމްގައި ފާހަގަ ކޮށްފައިވާ ގޮތުން، ދެކޮޅަށް ހެކި ލިބިފައި ހުއްޓާ ތަހްގީގުގައި ހަނު ހުރުމަކީ އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވިދާނެ ގަރީނާ އެއް ކަމަށް ހައިކޯޓުން ނިންމާފައި ވެއެވެ. އަދި ޖަވާބުދާރީވާން ޖެހޭ ހާލަތެއްގައި ހުރެ، ހަނު ހުރުމަކީ ޖަވާބެއް ކަމަށް ބެލެވޭނެ ކަމަށް އޮންނަ ފިގުހީ ގާއިދާ އެއް ވެސް ފާހަގަ ކުރިއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ ހެކިބަސް ބޭނުން ނުކުރެވޭނެ ކަމަށް ވަކާލާތުކުރި ނަމަވެސް، އެ މީހުންގެ ބަހާއި އިތުރު ހެކިތަކާ ގުޅިގެންދާ ނަމަ، ހެކިބަސް ގަބޫލު ކުރެވޭނެ ކަމަށް ބަޔާން ކޮށްފައި އޮތުމުން، އަދީބާއި ޒިޔަތުގެ ހެއްކަށް އިސްކަން ދީފައި ވެއެވެ.

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، 11 އަހަރަށް ޔާމީން ޖަލަށްލައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމްކުރި އިރު، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޔޫސުގް ނައީމް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.