މާލެ ސިޓީ ކައުންސިލާއި ވެމްކޯއާއެކު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދެން ވެމްކޯއިން މާލޭގެ މަގުތައް ކުނިކަހައި ސާފު ނުކުރާނެ ކަމަށް ބުނެފިއެވެ.
ވެމްކޯއިން އެ ހިދުމަތް ހުއްޓާލިކަން އާންމުކޮށް ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ ސިޓީ ކައުންސިލުން އެއްބަސްވުން ނިމުމަކަށް ގެނައުމާއެކު އެ ކޯޕަރޭޝަނުން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ގޯޅިތައް އަދި ޕާކުތަކާއި މައިޒާންތައް ހިމެނޭ ގޮތަށް ކުނި ކަހައި ސާފްކުރުން ހުއްޓާލާފައިވާ ކަމަށެވެ. ހަމައެއާއެކު ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުން ކުނި ނެގުން ވެސް ހުއްޓާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މީގެ އިތުރުން މާލެ ސިޓީގެ އެކި ތަންތަނަށް ގަވައިދާ ހިލާފަށް އަޅާފައި ހުންނަ ކުނި ނެގުން ވެސް އެ ކޯޕަރޭޝަނުން ވަނީ ހުއްޓާލާފައެވެ.
މާލެ ސާފު ކުރުމާއި މަގުމަތީގައި ހުންނަ ކުނިތައް ނެގުން ހުއްޓާލި ކަމުގައި ވިޔަސް އެ ކުންފުނީގައި ރަޖިސްޓްރީވެފައިވާ ގޭބިސީތަކުން ކުނި ނެގުމުުގެ މަސައްކަތް ކުރާނެ ކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯއާ އެކު ވެފަިއވާ އެއްބަސްވުމުގެ މުއްދަތު ހަމަވި އިރު ވެސް އެ އެއްބަސްވުން އާ ނުކުރަން މާލެ ސިޓީ ކައުންސިލުން ނިންމީ، މާޅެ ސަރަހައްދުގައި ކުނި ކަހައި ސާފު ކުރުމާއި ކުނި ނެގުން ފަދަ ކަންކަން ކުރުމުގައި ލަސްތަކެއް އުޅޭތީ އާއި އެފަދަ ޝަކުވާތައް މާލެ ސިޓީ ކައުންސިލަށް ލިބެމުން އަންނާތީ ކަމަށް މީގެ ކުރިން ކައުންސިލުން ވަނީ ބުނެފައެވެ. މަެއްގެ މައްޗަށް 2.5 މިލިއަން ރުފިޔާ ވެމްކޯއަށް ހަރަދުކުރާ އިރު، މަގުމަތީގައި ބަހައްޓާފައި ހުންނަ ކުނިބުނި ގިނަވެ، އާންމުންނަށް އުނދަގޫވެ، ކައުންސިލަށް ބައިވަރު ޝަކުވާ ލިބެމުން ދިއުމާއި ވެމްކޯ އިން އެކަށީގެންވާ ގޮތެއްގައި ހިދުމަތް ދެމުން ނުދާ ކަން ފާހަގަވެފައިވާ ކަމަށް މާލެ ސިތީ ކައުންސިލުން ބުނެފައި ވެއެވެ. .
މާލެ އާއި ވިލިމާލެއިން ހަމައެކަނި ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުގެ ކުނި ނަގާ ގޮތަށް ވެމްކޯއިން ހަމަޖައްސާފައިވާ އިރު، ހުޅުމާލޭގައި ވެމްކޯ ކުރާ މަސައްކަތަކީ ރަޖިސްޓްރީ ކޮށްފައި ހުންނަ ގޭބިސީތަކުން ނެރޭ ކުނި އުކުމެވެ. އަދި ހުޅުމާލެ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއިން ކުރަމުން އަންނަނީ އެޗްޑީސީއާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށެވެ.