މަގާމުގައި ހޭދަކުރެއްވި ކޮންމެ ދުވަހަކީވެސް ދިވެހިރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި ދުވަހެއްކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި މިއަދު ހެނދުނު މ. އަތޮޅު މަދަރުސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި ހޭދަ ކުރެއްވި ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވި ދުވަހެއް ކަމަށެވެ.
ވެރިކަމުގެ ދައުރު ފެއްޓެވިއިރު ކުރިމަތިވެވަޑައިގެންފައި އޮތް އެންމެ ބޮޑު އެއް ކަމަކީ ދިވެހިންގެ މެދުގައި ހަމަޖެހުމާއި ސުލްހަޔާއި އެއްބައިވަންތަކަން ގެއްލި ބައިބައިވެފައި އޮތުން ކަމަށާއި އޭރު ސިޔާސީ ބޭނުންތަކެއްގައި ވަކި ބަޔަކު ގަސްދުގައި ދިޔައީ ހަމަޖެހުން ނަގައިލަމުން ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ފުރަތަމަ ކުރައްވަންޖެހިވަޑައިގަންނަވާ ކަމެއްގެ ގޮތުގައި ވިސްނިވަޑައިގަތީ މުޖްތަމައުގައި ސުލްހަ ގާއިމުކުރުމާއި ދިވެހިން އެއްބައިވަންތަކޮށް އެކުވެރިކަމާއެކު ހަމަޖެހިގެން ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ. އަދި އެއްބައިވަންތަކަން ގާއިމްކުރެވޭނީ ހިދުމަތް ދިނުމުގައި ރައްޔިތުންގެ މެދުގައި ތަފާތުނުކޮށް ހަމަހަމަކަން ގާއިމުކޮށްގެން ކަމަށާއި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މި ސަރުކާރުން ފެށި ކޮންމެ މަޝްރޫއެއްގެ އަމާޒަކީވެސް ވަކި ރަށެއް ތަފާތުނުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށް ދިނުންކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.
ސުނާމީ ކާރިސާގެ ސަބަބުން ލިބުނު ގެއްލުންތަކުގެ މައްޗަށާއި އެދުވަހު ދިވެހި ރައްޔިތުން ދައްކުވައިދިން އެއްބައިވަންތަކަމުގެ މައްޗަށް އަދި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމުގައި ސަލާމަތީ ހިދުމަތްތަކުން ކުރި ބުރަ އަދި އަގުހުރި މަސައްކަތްތަކުގެ މައްޗަށްވެސް ރައީސް ވަނީ އަލިއަޅުވާލައްވާފައެވެ.
މީގެ އިތުރުން މިޖަލްސާގައި ވަނީ ކޮޅުފުށީގައި ހަދާފައިވާ ސުނާމީ ކާރިސާގެ ހަނދާނީ ބިނާގެ މޮޑެލްއެއް މ.ކޮޅުފުށީ ކައުންސިލްގެ ފަރާތުން ރައީސްއަށް ވެދުމަށް އަރުވާފައެވެ.