އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތާއި އާ ހާބާ ބޭސިން އާއި ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަަމަށެވެ. މި މަސައްކަތްތައް ނިމުމުން މިހާރު އެ މުޅި ޕްރޮޖެކްޓްގެ 57 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 319 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 71 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 1180 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައި ވަނީ ސެޕްޓެމްބަރު 21، 2021، ވަނަ ދުވަހުއެވެ. އެ މަޝްރޫއުއަކީ 31.08 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.