ވ. އާރަށުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާސާބިތު ވެ 11 އަަހަރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ދެންމެ އިއްވި ހުކުމުގައި ވަނީ، މަނީ ލޯންޑަރިން މައްސަލައިގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

މީގެއިތުރުން ރިޝްވަތު ދިނުމުގެ ދައުވާ ސާބިތުވުމުން ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވަނީ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތުގައި ޔާމީންގެ ވަކީލުން ވަނީ އިއުތިރާޒުތަކެއް ހުށަހަޅާފައެވެ. އަދި އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ލިބުނު ފުރުސަތު ކުޑަކަން ފާހަގަކޮށް ވަނީ އަދަބާ ބެހޭގޮތުން ވާހަކަ ދެއްކުމަށް އިއުތިރާޒު ކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން އެދުނީ ޔާމީންގެ މައްޗަށް ޖުމުލަ 19 އަހަރުގެ ޖަލު ހުކުމެއް އަދި ޔޫސުފް ނައީމްގެ މައްޗަށް 8 އަހަރުގެ ހުކުމެއް އިއްވުމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އުފުލި ދައުވާތަކުގެ ޝަރީއަތް މި އަހަރު ފަށާ، ހެކިންގެ ހެކިބަސް ނަގަން ފެށީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި ސެޕްޓެމްބަރު މަހުގައި ހެކިބަސް ނެގުން ނިންމާލައިފާ ވާއިރު މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ހުލާސާ ބަޔާން ހުށަހަޅާފައެވެ.

ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެެއް އިއްވައި ފާ މިވަނީ 2023 ވަނަ އަހަރުގެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް ކަނޑައަޅާ ޕީޕީއެމް އިން އެމަނިކުފާނަށް ޓިކެޓު ހަވާލުކޮށްފައި ވަނިކޮށެވެ.