ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ގުރުއާން ޓީޗަރަކު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ދ.ހުޅުދެލި، ޝާރާޒް، އަލީ ޝާތިރުގެ މައްޗަށް އުފުލީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ތައުވާއަށް ޝާތިރު ވަނީ އިންކާރުކޮށްފައެވެ.

ޝާތިރުގެ މައްޗަށް އެ ހުކުމް އިއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އޭނާ ކައިރިއަށް ގުރުއާން ކިޔަވަން ދިޔަ ކުއްޖެއް ކައިރީގައި "ވަރަށް ލޯބިވޭ" އޭ ބުނެ، އެ ކުއްޖާގެ މޭމަތީގައި އަތްލާފައިވާ މައްސަލާގައެވެ.

އެ މައްސަލަ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ އެންމެހާ ހެކި ގަރީނާއަށް ބަލާއިރު, އެ މައްސަލައަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއްކަމުގައި ކަނޑައަޅުއްވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

15 އަހަރަށް ޖަލަށް ހުކުމްކުރި ނަމަވެސް މި މައްސަލާގެ ތަހުގީގީ މަރުހަލާގައި އަދި ޝަރީއަތުގެ މަޖިލީހުގައި ޝާތިރު ވަނީ އެއް އަހަރާއި ހަތަރު މަސްދުވަސް ބަންދުގައި ހޭދަކޮށްފައެވެ. އެހެންކަމުން އެ މުއްދަތުން އުނިކުރުމުން ތަންފީޒު ކުރަން ޖެހޭ އަދަބަކީ 13 އަހަރާއި އަށް މަސްދުވަސް ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވައިފައެވެ.