ޓްރާންސްޕޯޓް މިނިިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޝިމާޒް އަލީ ޔޫތް މިނިސްޓްރިއަށް ބަދަލު ކޮށްފިއެވެ.

'ދަ ޕްރެސް އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ، މި ދިޔަ ހަފްތާގައި ޝިމާޒް ވަނީ ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފައި ކަމަށެވެ. ނަމަވެސް އޭނާ ޔޫތް މިނިސްޓްރީއަށް ބަދަލު ކުރި ސަބަބެއް ހާމައެއް ނުކުރައްވައެވެ.

ޝިމާޒް ޔޫތް މިނިސްޓްރީ އަށް ބަދަލު ކުރި އިރު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ޝިމާޒްގެ މައްސަލަތައް ބަލައި ދިނުމަށް އެދި ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވާފައެވެ. އެ މައްސަލާގައި ނަހުލާ ވަނީ ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލުމުގެ ތުހުމަތުތަކެއް ޝިމާޒަށް ކުރައްވާފައެވެ.

ރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުފަހަރުގެ ނަންބަރު ޕްލޭޓް، ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މައްސަލައެއްގައި ޝިމާޒް އަލީ ހިމެނޭހެން 6 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ފޮނުވާފައި ވެއެވެ. މެޝިން ރީޑަބަލް ނަންބަރު ޕްލޭޓް ހަދަން ވަސާޖިއޯ އާ ހަވާލުކުރި އިރު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާގެ މަގާމު އަދާކުރެއްވީ ޝިމާޒެވެ. ބިޑުގެ މަރުހަލާ ކުރިއަށް ދިޔައިރު، ވަސާޖިއޯގެ އިސްބޭފުޅަކާ ޝިމާޒް ބައްދަލު ކުރެއްވި ކަމުގެ ތުހުމަތުތައް މިނިސްޓްރީގެ ބައެއް އިސްބޭފުޅުން ކުރިއެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް އޭރު ވަނީ ދޮގު ކުރައްވާފައެވެ.

ޝިމާޒް މަގާމުން ވަކިކޮށްދިނުމަށް އެދި ނަހުލާ ފޮނުއްވި ސިޓީ ރައީސް އޮފީހަށް ލިބިފައިވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ވިދާޅުވެފައެވެ. މިއުވާން ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ފިޔަވަޅު އަޅަން ޖެހޭ ނަމަ، އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެއެވެ.