ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖަހަން ފެންނަ ކަމަށް ބުނެ، އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާ އައްބާސް އާދިލް ރިޒާ ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކުރީ އަމަން އަމާންކަން ގެއްލޭ ގޮތަށް ތަކުރާރުކޮށް ވާހަކަ ދައްކައި، އެފަދަ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ކުރި މައްސަލައިގައި، އޭނާ ޓްވީޓްކުރީ އޭނާގެ އެކައުންޓަކުން ކަން ކަށަވަރުކުރުމަށް ފަހުގައެވެ.

މިދިޔަ ހުކުރު ދުވަހު އައްބާސް އާދިލް ރިޒާގެ އެކައުންޓުން ކުރި ޓްވީޓުގައި، އޭނާ ތުހުމަތުކުރި ގޮތުގައި ފެބްރުއަރީ 8، 2012 ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށެވެ. ފޮޓޯތަކާ އެކު ކުރި ޓްވީޓުގައި އޭނާ ބުނީ އެކަމުން ލިބުނު ގެއްލުމުން އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ.

"އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ،" އިންޑިއާ އައުޓް ހޭޝްޓެގާ އެކު އޭނާ ކުރި ޓްވީޓުގައި ވެއެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ތަރުޖަމާނު ކަމާއި، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވެސް މީގެ ކުރިން އިސް މަގާމެއްގެ އިތުރުން ބޮޑެތި އެހެން މަގާމުތައް ވެސް ފުރާފައިވާ އައްބާސް ކުރި ޓްވީޓް އެތައް ބަޔަކު ވަނީ ކުށްވެރިކުރަމުންނެވެ. އޭނާ އަށް ފިޔަވަޅު އެޅުމަށް އާންމުންނާއި ސިޔާސީ ޕާޓީތަކުން ގޮވާލާފައިވެއެވެ. އަދި އެ މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.