މި މަހުގެ 10 ވަނަ ދުވަހު މެންދުރު މަރުވެފައި އޮއްވާ ފެނުނު ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފިއެވެ.

ފުލުހުން ބުނީ ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފާ ވަނީ މަރުވިތާ 11 ދުވަސް ފަހުން މި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނުއެވެ.

ނިޝާމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާއި ތަނެއްގައި ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ދީފައި ވަނިކޮށް ފައިސަލް ވަނީ ދަންޖެހިފައެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފައިސަލް ދަންޖެހިފައި ހުއްޓާ ފެނިގެން ހާލުދެރަވެ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ 19 ވަނަ ދުވަހު ފައިސަލް ވަނީ މަރުވެފައެވެ.

ނިޝާމާ މަރުވިއިރު ކުޑަ 3 ކުދިން ތިބިއިރު އެނގިފައިވާ ގޮތުގައި ނިޝާމާ މަރުވުމުން ފައިސަލް ފުރައިގެން ދިޔައީ ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށް ކަމަށް ބުނެ ކުޅުދުއްފުއްޓަށެވެ.