ބޮޑު ޖައްރާފުން ހިއްކި ފުރަތަމަ ބިން ދާންދޫ ކައުންސިލާ ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި ރޭ ދާންދޫގައި ބޭއްވި ރަސްމިއްޔާތުގައި ދާންދޫ އަށް އިތުރުކުރި ބިން ކައުންސިލާ ހަވާލު ކޮށްދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މިހާރުގެ ދާންދޫއާއި އިތުރަށް ހިއްކުނު ބިން ބްރިޖަކުން ގުޅާލެވިގެން ދާއިރު، އެ ބިން ވެގެން ދާނީ ޒަމާނީ ދާންދޫގެ އާ ހަޔާތެއް ފެށުމަށް ކަމަށް އެމްޓީސީސީއިން ފާހަގަ ކުރެއެވެ.

އޭގެ ތެރޭގައި އާ އިންޖީނުގެއަށް ބޭނުންވާ ބިން އުފެއްދި ބަނދަރުމަތި ރަނގަޅަށް ހެދިގެން ދިއުންވެސް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން އިތުރު ކުރެވިފައި ވާއިރު އަލަށް ހިއްކި ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2773 ވެލިބަސްތާ އަދި 41،451 ޓަނުގެ ހިލައިގެ ހިމާޔަތުގެ އައްސޭރި ފަށެއް ގާއިމް ކުރުން ހިމެނެއެވެ. އަދި 848 މީޓަރުގެ ރިވެޓުމަންޓެއް ވެސް ތަރައްގީ ކުރުން ހިމެނޭއިރު އެ މަޝްރޫއަކީ 186.64 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.