ރައްޔިތުން ވަނީ މި ސަރުކާރު ބަލައިގެންފައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދާންދުއަށް އަލަށް އިތުރުކުރި ބިން ރަސްމީކޮށް ކައުންސިލާ ހަވާލުކުރެއްވުމަށް ދާންދޫ ހިއްކި ބިމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރަށް ހަަތަރު އަހަރުވެފައިވާ އިރު މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން މި ސަރުކާރު ގެނައުމަށް ވޯޓު ދިނީ ވަރަށް ގިނަ ކަންކަމަށް ރައްޔިތުން ބޭނުންވެފައި ވާތީ ކަމަށާއި އޭގެތެރޭގައި އަސާސީ ހިދުމަތްތައް ހޯދުމާއި އިޖްތިމާއީ ހަމަޖެހުން ގާއިމްކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

ގައުމު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ސަރުކާރާއެކު ރައްޔިތުން ތިބުމުން ރައްޔިތުން ބޭނުންވާ ގޮތަށް ގައުމު ތަރައްގީވަމުން ދާނޭކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިޔާސީ ހިޔާލު ތަފާތުވުމާ ގުޅިގެން އެއްވެސް ވިޔަފާރިވެރިއަކަށް ވިޔަފާރިކުރުމަށް ހުރަސް އަޅާފައި ނުވާނޭ ކަމަށާއި ދުލާއި ގަލަމުގެ މިނިވަންކަން ގާއިމް ކުރުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާފައި ނުވާނޭ ކަމަށާއި ކުރިން މެދުކެނޑެމުން އައި އަސާސީ ހިދުމަތްތައް މެދުނުކެނޑި ލިބޭނޭގޮތް ފަހިކޮށްދީފައި ވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުނަތަކަށްވެސް އެދެވޭ ހައްލުތައް ވަރަށް އަވަހަށް ފެންނަމުންދާނެ ކަމަށާއި ފެނަކަ މެދުވެރިކޮށް ކްރެޑިޓަށް އައިސް ވިއްކާ، އެސްޓީއޯ މެދުވެރިކޮށް މަސްވެރިން ބޭނުންވާ މިންވަރަށް ތެލާއި ޑީސަލް ވަރަށް އަވަހަށް ލިބުމުގެ އިތުރުން ކްރެޑިޓަށް ވެސް ތެލާއި ޑީސަލް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.