މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ނިޒާމް ހަރުކުރުމުގެ މަސައްކަތެއް ކުރުމަށްޓަކައި މާލެ-ހުޅުމާލެ ހައިވޭ އިން ބައެއް މަސް ދުވަހަށް ބަންދުކުރަން ނިންމައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ސިނަމާލެ ބްރިޖުގައި ސޯލާ ހަކަތައިގެ ނިޒާމް ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން މާލެ-ހުޅުމާލެ ހައިވޭގެ މޫދާވީ ފަޅީގެ ސްޓްރަކްޗާ ހަރުކުރުމަށްޓަކައި ހައިވޭގައި ހުޅުމާލޭން މާލެ އަށް ދަތުރުކުރާ މަގުގެ އެއް ލޭން ވަކި ވަގުތުތަކެއްގައި ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތައިލޭންޑުގެ އެންސިސް ކުންފުންޏާ ހަވާލުކޮށްގެން ކުރާ އެ މަސައްކަތުގެ ދަށުން 5.6 މެގަވޮޓުގެ ސޯލާ ހަކަތައިގެ ނިޒާމް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ހުކުރު ދުވަސް ފިޔަވައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން 11:30 އަށް، އަދި މެންދުރުފަހު 1:30 އިން ހަވީރު 4:30 އަށް ހުޅުމާލޭން މާލެ އަށް ދަތުރުކުރާ މަގުގެ އެއް ލޭން ބަންދުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ލަފާކޮށްފައި ވަނީ، އަންނަ އާދީއްތަ ދުވަހު މަސައްކަތް ފަށައި އަންނަ އަހަރުގެ ފެބްރުއަރީ 5 ހާ ތަނުގައި މަސައްކަތް މުޅިންހެން ނިންމާލެވޭނެ ކަމަށެވެ.
އެހެންކަމުން ހުޅުމާލޭން މާލެ އަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެންވަޔަރަމަންޓް މިނިސްޓްރީން އިލްތިމާސްކުރެއެވެ.