އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް 7.51 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ޖެންޑާ ރެސްޕޮންސިވް އިޖުތިމާއީ ހިދުމަތްތައް ލިބުން އިތުރުކުރުމަށް އޭޑީބީން ރާއްޖެއަށް ދޭ 7.51 މިލިއަން ޑޮލަރާއި 2.5 މިލިއަން ޑޮލަރުގެ ޓީއޭއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ދެކުނު އޭޝިއާއަށް ކަނޑައަޅާފައިވާ އޭޑީބީ އާބަން ޑިވެލޮޕްމަންޓް ސްޕެޝަލިސްޓް ޗާލީން ލިއާއު ވިދާޅުވީ، މި ހިލޭ އެހީގެ ދަށުން ޖެންޑާ އިކުއަލިޓީ އިނީޝިއޭޓިވްސްއަށް ދިވެހި ސަރުކާރަށް އެހީތެރިކަން ލިބިގެންދާނެ ކަމަށާއި އޭގެ ސަބަބުން ޖިންސުގެ މައްޗަށް ކުރާ އަނިޔާތައް މަދުކޮށް، އަންހެނުންނަށް ހަމަހަމަ ހައްގުތަކާއި ބައިވެރިވުމާއި އިނާޔަތްތަކަށް ހުރަސް އެޅޭ ހުރަސްތައް ނައްތާލެވޭނެ ކަމަށެވެ. މިއީ އޭޑީބީން ރާއްޖެއަށް ކަނޑައަޅާފައިވާ ކަންޓްރީ ޕާޓްނާޝިޕް ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތުގެ މަތިން، ޖިންސުގެ ހަމަހަމަކަން ކުޑަކުރުމަށް އޭޑީބީން ގެންގުޅޭ ވިސްނުން ތޫނުކޮށް، ޖިންސީ ތަފާތުތައް ކުޑަކުރުމަށް ވައުދުވެފައިވާ ސްޓްރެޓެޖީއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހިލޭ އެހީގެ ދަށުން އިނޮވޭޓިވް ޖެންޑާ އެޕްރޯޗްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށާއި، މިއީ އިޖުތިމާއީ މިންގަނޑުތަކާއި ތަފާތުކުރުމުގެ އާދަތައް ބަދަލު ކުރުމުގައި ހާއްސަ ދައުރެއް އަދާކުރާނެ ހިލޭ އެހީއެއް ކަމަށް އޭޑީބީން ބުނެއެވެ. މީގެ އިތުރުން، ނޭޝަނަލް ސްޓެޓިސްޓިކަލް ޑޭޓާ ސިސްޓަމްގައި ހިމެނޭ ކްރިޓިކަލް ޖެންޑާ އިކުއަލިޓީ އެންޑް ސޯޝަލް އިންކްލޫޝަން ޑޭޓާގެ ފަރަގުތައް ހައްލު ކުރުމުގައި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި، ޖެންޑަރ ރެސްޕޮންސިވް ބަޖެޓިން ގައުމީ ބަޖެޓް ސިސްޓަމްގެ ތެރެއަށް އިންޓަގްރޭޓް ކުރުމުގައި ފިނޭންސް މިނިސްޓްރީއަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

މީގެ ސަބަބުން އައްޑޫ، ހުޅުމާލެ އަދި ރ-އުނގޫފާރުގައި ގެވެށި އަނިޔާ އާއި ޖިންސުގެ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ކްލައިމެޓް ރެޒިލިއަންޓް ޝެލްޓާތައް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ. މި ހިލޭ އެހީ އަކީ އޭޑީބީގެ އެންމެ ފަގީރު އަދި އެންމެ ނާޒުކު ތަރައްގީވަމުން އަންނަ މެންބަރު ގައުމުތަކަށް ހިލޭ އެހީ ފޯރުކޮށްދޭ އޭޝިއަން ޑިވެލޮޕްމަންޓް ފަންޑުން ދޭ ހިލޭ އެހީއެއް ކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި ކުޑަކުދިން ބެލެހެއްޓުމާއި ގެވެށި އަނިޔާ އާއި ޖެންޑާ ބޭސްޑް ވަޔަލެންސް ސާވިސްގެ އިޖުތިމާއީ ހިދުމަތުގެ ނިޒާމު ހަރުދަނާ ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އޭޑީބީން ބުނެއެވެ. މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް އަޅާލުން ހަރުދަނާ ކުރުމަށް މަދަނީ ޖަމިއްޔާތަކާއި ސަރުކާރާ ދެމެދު ޕާޓްނާޝިޕްތަކެއް ގާއިމުކުރެވިގެން ދާނެ ކަމަށް ވެސް އޭޑީބީން ބުނެއެވެ.

މި ފަންނީ އެހީއަށް 2.5 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް އަންދާޒާކޮށް އޭޑީބީން މި އެހީ ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އޭގެތެރެއިން 500،000 ޑޮލަރަކީ އޭޑީބީގެ ޓެކްނިކަލް އެސިސްޓެންސް ސްޕެޝަލް ފަންޑުން ހިލޭ އެހީގެ އުސޫލުން ފައިނޭންސް ކުރުމަށް ހަމަޖެހިފައިވާ އަދަދު ކަަމަށާއި އަދި 2 މިލިއަން ޑޮލަރަކީ ޖަޕާން ސްޕެޝަލް ފަންޑުން ހިލޭ އެހީގެ އުސޫލުން ދޭ ބައެއް ކަމަށް އޭޑީބީން ބުނެއެވެ.

އޭޑީބީއަކީ ފަގީރުކަން ނައްތާލުމަށް ކުރަމުންދާ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ. 1966 ވަނަ އަހަރު އުފެދުނު މި ކުންފުނީގައި 49 ރީޖަން އިން 68 މެންބަރުން އެބަ ތިއްބެވެ.