ހުޅުމާލޭގައި ހުންނަ އެސްޓީއޯ ފިހާރަ މަރާމާތަށް ބަންދުކުރުމުގެ ކުރިން ހުސްކުރާ ސޭލެއް ފަށައިފިއެވެ.

އެސްޓީއޯއިން މިއަދުން ފެށިގެން މި މަހުގެ 24 ވަނަ ދުވަހަށް " ހުސްވީމާ ހުސްވީ" ގެ ނަމުގައި ކުރިއަށްގެންދާ އެ ސޭލްގައި އެސްޓީއޯ ސުޕަމާޓުން ވިއްކާ ހުރިހާ މުދަލެެއް ލިބެން ހުންނާނެއެވެ.

އެ ސޭލުގައި 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭއިރު ފިހާރަ ހުޅުވާފައި ހުންނާނީ ހުކުރު ދުވަހު ހަވީރު 4 އިން ރޭގަނޑު 10 އަށް، އަދި އެހެން ދުވަސް ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 10 ޖަހަންދެންނެވެ.

މި ވަގުތު ކޮންސެޕްޓަށް ކުޑަ ބަދަލެއް ގެނައުމަށް މަރާމާތަށް ވަގުތީ ގޮތުން އެ ފިހާރަ ބަންދު ކުރަނީ ކަމަށް އެސްޓީއޯއިން ވަނީ މައުލޫމާތު ދީފައެވެ. އަދި އެ މަރާމާތަށް ގާތްގަނޑަކަށް ހޭދަވާނެ ދުވަހެއް އެނގިފައެއް ނުވެއެވެ.