މިޔަންމާގައި ތިބި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުން ސަލާމަތްވާން ބަންގްލަދޭޝަށް ހިޖުރަކޮށްގެން ތިބި މުސްލިމުންގެ ތެރެއިން 200 އެއްހާ މީހުން މެލޭޝިއާއަށް ވަންނަން ކުރި ދަތުރުގައި ބެހި ކަނޑުގެ ހާލުގައި ޖެހިއްޖެއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ފުރި ބޯޓު ބެހިފައި ވަނީ މި ހިނގާ ޑިސެމްބަރު މަހުގެ ކުރީކޮޅު ތައިލޭންޑާއި، މެލެޝިއާ، އިންޑިއާ އަދި އިންޑޮނޭޝިއާ ގުޅޭ ކަނޑަށް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓު ކުރި ނަމަވެސް އެހެން ބައެއް ނޫސްތަކުން ބުނާ ގޮތުން އެ ބޯޓު ހާލުގައި ޖެހުނީ އިންޖީނު ހުއްޓި އެންޑަމަން އައިލޭންޑްސް އަދި ނިކޮބާރު އައިލެންޑްސް ކައިރިން އިންޑިއާގެ ކަނޑުގެ މެލައްކާ ކަނޑުއޮޅިއަށެވެ.

ބެހުނު ބޯޓުގެ ކެޕްޓަނާ ހަވާލާދީ އިންޑިއާގެ "ދަ ޕްރިންޓް" އިން ބުނީ، ގުޅުނު ފޯން ކޯލުގައި ކެޕްޓަން ބުނީ "އަހަރެމެން މަރުވަނީ، ކާބޭތަކެއްޗެއް، ފެނެއް ނެތް" ކަމަށެވެ. އަދި ބޯޓުގައި ތިބި މީހުންގެ ތެރެއިން ހައިހޫނުކަމުގައި 3 މީހަކު މިހާރުވެސް މަރުވެއްޖެ ކަމަށް އޭނާއާ ހަވާލާދީ ރިޕޯޓު ކުރެއެވެ.

މިހާދިސާއާ ގުޅިގެން، ހާލުގައި ޖެހުނު މީހުން ހޯދުމުގެ މަސައްކަތް ވަށައިގެން ހުރި ގައުމުތަކުންނާއި އެހެން ގައުމުތައް ގުޅިގެން ކޮށްދިނުމަށް އާސިއާންގެ ޕާލިމެންޓޭރިއަންސް ފޯ ހިއުމަން ރައިޓްސް އިން ވަނީ ގޮވާލާފައެވެ. އެ ބޯޓުގައި ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން ތިބި ކަމަށާއި ހާލުގައި ޖެހި އެހާ ދުވަސް ވަމުން ދާ އިރު ގައުމުތަކުން އެހީ ނުވެ ތިބޭތީ އެ ޖަމާއަތުން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

މި ބޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އދ ގެ ރެފިއުޖީ އެޖެންސީން ބުނީ ބޯޓުގައި 200 އެއްހާ މީހުން ތިބި ކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށާއި އޭގެ ތެރޭގައި އަންހެނުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމުގެ މައުލޫމާތުވެސް ލިބިފައި ވާ ކަމަށެވެ. އަދި އެ އެޖެންސީން ވަނީ ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ވެސް ގޮވާލާފައެވެ. އެ އެޖެންސީން ބުނާ ގޮތުގައި، ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅުމުގެ ހާލަތު އިންތިހާ އަށް ދަށްވެ އެތައް ސަތޭކަ ރެފިއުޖީންނެއް ކޭމްޕްތައް ދޫކޮށް ކައިރި އަވައްޓެތި ގައުމުތަކަށް ދިޔުމަށް ރިސްކް (ނުރައްކާ) އާ ކުރިމަތިލާ ކަމަށާއި ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި މިގޮތަށް ކަނޑުމަތިން ހާލުގައި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައި ވާ ކަމަށެވެ.

އާސިއާންގެ ޕާލިމެންޓޭރިއަންގެ ބަޔާނުގައި އިތުރަށް ބުނީ، އިންސާނިއްޔަތަށްޓަކައި ވެސް އެހީވާން ޖެހޭ ކަމަށާއި އެމީހުންނަށް އެހީނުވެ މަރުވާން ދޫކޮށްލުމަކީ ލަދުވެތި ކަމެއް ކަމަށެވެ. ނަމަވެސް މިކަމުގައި އެކުވެރި ގައުމުތަކުން ކުރަމުން ދާ މަސައްކަތެއްގެ ތަފްސީލެއް އަދި ނުލިބެއެވެ.

މިހިނގާ ޑިސެމްބަރު 8 ވަނަ ދުވަހުވެސް ރޮހިންޔާ މުސްލިމުންގެ 154 މީހުން ގޮވައިގެން ދަތުރުކުރި ބޯޓެއްއް ތައިލޭންޑްގެ ކަނޑަށް ބެހިގެން ވެއިޓްނާމްގެ ތެޔޮ ޓޭންކަރަކުން އެމީހުން ވަނީ ސަލާމަތް ކޮށްފައެވެ.

އަދި މިދިޔަ އާދީއްތަ ދުވަހު 104 ރެފިއުޖީން ގޮވައިގެން ދަތުރު ކުރި ބޯޓެއްގައި ތިބި މީހުން ސްރީލަންކާގެ ނޭވީން ވަނީ ސަލާމަތް ކޮށްފައެވެ. 39 އަންހެނުންނާއި 23 ކުޑަކުދިން ތިބި އެ ބޯޓު ދަތުރު ކުރީ މިޔަންމާއިން އިންޑޮނީޝިއާއަށް ދާން ކަމަށާއި ދޭތެރެ މެދުން އިންޖީން ހުއްޓުނީ ކަމަށް ލަންކާގެ ނޭވީން ވަނީ ބުނެފައެވެ.

ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 1920 އަށް ވުރެ ގިނަ ރެފިއުޖީން މިޔަންމާއާއި ބަންގްލަދޭޝްގެ ކޭމްޕްތަކުން ވަނީ ފުރާފައެވެ. އޭގެ ތެރެއިން މިހާތަނަށް ކަނޑުމަތީގެ ހާދިސާތަކުގައި 119 މީހަކު މަރުވެފައި ވާ ކަމަށް އދ ގެ އިދާރާއިން ބުނެއެވެ.