އަފްގާނިއްތާނުގެ ވެރިކަމަށް ތޯލިބާން އައި ފަހުން އެގައުމުގެ އަންހެންވެރިންނަށް ކުރިމަތިކުރާ ފިއްތުންތަކާ ހެދި ކުރިމަތިވާ ބައިނަލްއަގުވާމީ ފާޑުކިޔުންތަކަށް ބެލުމެއް ނެތި އަންހެންވެރިން ޔުނިވާސިޓީތަކަށް ދިޔުން މަނާކޮށްފިއެވެ.

އެގައުމުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ނިންމުމަށް މިހާރުން ފެށިގެން އަމަލު ކުރާނެ ކަމަށާއި ޔުނިވާސިޓީތަކަށް އަންހެނުން ދިޔުން މަނާވީ ކަމަށެވެ.

މިހާރުވެސް މެދުމަދަރުސީ ތައުލީމު ނުވަތަ ސެކަންޑަރީ ސްކޫލު މަދަރުސާތަކަށް އަންހެން ކުދިން ދިޔުން މަނާކޮށްފައި އޮތް އިރު މި އެޅި ފިޔަވަޅާއެކު އެގައުމުގެ ޒުވާނުންގެ ރުޅިވެރިކަން ވަނީ ބޮޑުވެފައެވެ.

ކާބުލް ޔުނިވާސިޓީގައި ތައުލީމު ހާސިލު ކުރަމުން ދިޔަ ކުއްޖަކު ބީބީސީއާ ވާހަކަ ދައްކަމުން ބުނީ، "އެމީހުން [ތޯލިބާނުން] އެ ހަލާކު ކޮށްލީ އަހަންނާއި އަހަރެންގެ މުސްތަގުބަލާ ދެމެދުގައި އޮތް ހަމަ އެކަނި ބްރިޖް" އެވެ.

"އެކަމަށް އަހަރެން ބުނާނީ ކީކޭ؟ އަހަރެން ގަބޫލު ކުރަނީ ކިޔަވައިގެން އަހަރެންގެ މުސްތަގުބަލު އުޖާލާ ކުރެވޭނެ ކަމަށް، އެކަމަކު އެމީން އެ ހަލާކުކޮށްލީ" އެ ދަރިވަރު ބުނެއެވެ.

ޝަރީއާ އެންޑް ލޯ ކިޔަވާ އެހެން ކުއްޖަކާ ހަވާލާދީ ބީބީސީ ބުނީ، އިސްލާމްދީނާއި އަދި ހެއްދެވި ﷲ، އެމީހުންނަށް ދީފައިވާ ހައްގެއް ތޯލިބާނުން ނިގުޅައިގަތީ ކަމަށެވެ.

"ތޯލިބާނުން ދާންވީ އެހެން އިސްލާމީ ގައުމުތަކަށް، ގޮސް ބަލަން ވީ އެ ގައުމުތަކުގައި އަމަލުތައް ކުރަނީ އިސްލާމީ އުސޫލަކުން ނޫންތޯ" އޭނާ ބުނެފައި ވެއެވެ.

ތޯލިބާނުންގެ ކުރީގެ ވެރިކަމުގެ އުސޫލުތައް އިއާދަކޮށް ތައުލީމު އުނގެނުމުން އަންހެން ދަރިވަރުންނާއި އަންހެނުން މަހުރޫމް ކުރާތީ އދ އާއި އެތައް ގައުމަކުން ތޯލިބާނުންގެ އެ އަމަލުތައް ދަނީ ކުށްވެރި ކުރަމުންނެވެ.

އަފްގާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ އދ ގެ ސްޕެޝަލް ރެޕަޓުއާ ވިދާޅުވީ، ހަމަ ހަމަ ކަމާއެކު ތައުލީމު ލިބުމުގެ ފުރުސަތުން އަފްގާން އަންހެނުން ބާކީ ކުރުމަކީ އަފްގާނިސްތާނުގައި އަންހެނުންނަށް އޮންނަ ދައުރު ނެތިކޮލުމުގެ އިތުރުން ދަށު ދަރަޖައަކަށް ތޯލިބާނުން ވެއްޓިގެން ދިޔުން ކަމަށެވެ.

މިކަމާ ގުޅިގެން އެމެރިކާއިން ބުނީ، ތޯލިބާނުންގެ އެ ފިޔަވަޅުތަކުގެ ސަބަބުން ނަޖީތާ ރަނގަޅު ނުވާނެ ކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވީ، އަފްގާން ރައްޔިތުންނަށް ހަމަހަމަ ފުރުސަތު ނުދީ ނުވަތަ ހޯދައި ނުދީ ބައިނަލްއަގުވާމީ މެންބަރެއްގެ ޖާގަ އަފްގާނިސްތާނަށް ލިބިދާނެ ކަމަށް އުންމީދު ކޮށްގެން ނުވާނެ ކަމަށެވެ.

ހުޅަނގުން ބުނެފައި ވަނީ، އަފްގާނިސްތާނަކީ އެމީހުން ބަލައިގަންނަ ގައުމަކަށް ހަދަން ބޭނުން ނަމަ، އަންހެނުންނަށް ހަމަހަމަ ތައުލީމީ ފުރުސަތު ދިނުމަށެވެ.

އަވައްޓެރި ޕާކިސްތާންގެ ފޮރިން މިނިސްޓަރު ވިދާޅުވީ، އޭނާ އެދިވަޑައިގަންނަވަނީ ކާބުލް އާއި މިހާރު އޮތް އިންތިގާލީ ސަރުކާރާ ވާހަކަ ދައްކައިގެން ހުރި މައްސަލަތައް ހައްލުކުރަން ކަމަށާއި ތޯލިބާނުންގެ އެ ނިންމުމާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.

އެެމެރިކާގެ އެހީއާއެކު ތޯލިބާނުންގެ ކުރީގެ ވެރިކަން ވައްޓާލައި ފަހުން އޮތް ކަރުޒާއީ އާއި އޭގެ ފަހުން އޮތް ވެރިކަމުގައި އަންހެންވެރިންނަށް ތައުލީމުގެ ފުރުސަތުތައް ފުޅާކުރިއެވެ. އަދި ބައިނަލްއަގުވާމީ ބައެއް އިވެންޓްތަކުގައިވެސް އަފްގާނުން ބައިވެރިވަމުން ދިޔައެވެ. ނަމަވެސް ކުރިއަށް ވުރެ ހުޅުވާލެވިފައިވާ ލުއި ސިޔާސަތެއް ތަންފީޒު ކުރާނެ ކަމަށް ބުނެ 2021 ގައި ވެރިކަމަށް އައި ތޯލިބާނުންގެ މިހާރުގެ ސިޔާސަތުތައް އިހުއޮތް ހަރުކަށި ކަމާ ދިމާއަށް ވަނީ މިސްރާބު ހިފާފައެވެ. މިއާއެކުވެސް ތައުލީމާ ބެހޭ އދ ގެ އިދާރާ ޔުނެސްކޯއިން ބުނީ، ފިއްތުންތަކާއެކު ވިޔަސް މިހާރުވެސް އަފްގާނިސްތާނުގައި އަންހެންވެރިންނަށް ތައުލީމު ލިބޭ ކަމަށާއި 2001 އިން 2018 އަށް ތޯލިބާނުން ވެރިކަން ކުރި އިރުވެސް ހަޔާ އެޑިއުކޭޝަން ނުވަތަ މަތީ ތައުލީމު ލިބުމުގެ ފުރުސަތު ލިބުނު އަންހެން ވެރިންގެ އަދަދު 20 ގުނަ އިތުރު ވި ކަމަށެވެ.