ހެންވޭރު ގެއެއްގެ ތެރޭގައި ހަމަ ނުޖެހުމެއް ހިނގާ ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.

ޒަހަމްވެފައި ވަނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަށް ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަ ނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:21 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެއީ އާއިލާ ހަމަނުޖެހުމެއްގައި ހިނގި މާރާމާރީއެއް ކަމަށްވެސް ފުލުހުން ފަހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލައާ ގުޅިގެން ހަމަލާ ދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެއީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި އެ މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.