މި މަހުގެ 10 ވަނަ ދުވަހު މެންދުރު މަރުވެފައި އޮއްވާ ފެނުނު ހދ. ނޮޅިވަރަމް އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ހަށިގަނޑު މިއަދު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާފައިވާ ކަމަށެވެ.

ނިޝާމާގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލް މި މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާއި ތަނެއްގައި ބަންދުގައި ބަހައްޓަން 15 ދުވަހުގެ މުއްދަތެއް ދީފައި ވަނިކޮށް ފައިސަލް ވަނީ ދަންޖެހިފައެވެ.

މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ފައިސަލް ދަންޖެހިފައި ހުއްޓާ ފެނިގެން ހާލުދެރަވެ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މި މަހުގެ 19 ވަނަ ދުވަހު ފައިސަލް ވަނީ މަރުވެފައެވެ.

ނިޝާމާ މަރުވިއިރު ކުޑަ 3 ކުދިން ތިބިއިރު އެނގިފައިވާ ގޮތުގައި ނިޝާމާ މަރުވުމުން ފައިސަލް ފުރައިގެން ދިޔައީ ދަތުގެ ޑޮކްޓަރަކަށް ދެއްކުމަށް ކަމަށް ބުނެ ކުޅުދުއްފުއްޓަށެވެ.