ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް އިމާރާތްކުރި ހިޔާ ފްލެޓުތަކަށް ކުލި ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމަށް ނިންމައި އެ ކުންފުނީގެ ބޯޑަށް އެކަން ހުށަހަޅާފައިވާ ކަމަށް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދެ ޓަވަރެއް ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްފައިވެއެވެ. އެއީ:

  • 360 އެޕާޓްމަންޓުގެ ދެ ޓަވަރު
  • އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓް، އަދި ތިން ކޮޓަރި ހިމެނޭ 288 އެޕާޓްމަންޓް
  • މުވައްޒަފުންނަށް އެޕާޓްމަންޓުތައް ހަވާލުކުރީ މިދިޔަ އޮގަސްޓު މަހު

ކުންފުނީގެ މުވައްޒަފުންގެ ވާހަކަ ތަކުރާރުކޮށް ދައްކަވާ ޝަރީފް ވަނީ ސްޓެލްކޯގެ ރޭވުންތެރި ކަމަށް އަމަލީ ސިފަ ގެނެސްދެނީ މުވައްޒަފުން ކަމަށާއި، އެ ކުންފުނީގެ އަސްލު ހިދުމަތްތެރިންނަކީ މުވައްޒަފުން ކަމަށް ވިދާޅުވެ، ސްޓެލްކޯގެ މުވައްޒަފުންނަށް ތައުރީފްކުރައްވައިފައެވެ.

"...އަޅުގަނޑުމެންގެ ރޭވުންތެރި ކަމަށް އަމަލީ ސިފަ ގެނެސްދެއްވާ ފަރާތްތަކަކީ އަޅުގަނޑުމެންގެ މުވައްޒަފުން. އަސްލު ހަގީގީ ހިދުމަތްތެރިންނަކީ، މި ސިނާއަތުގެ ހިދުމަތްތެރިންނަކީ ތަފާތު ނަން ނަމުގައި އައި ކަމުގައި ވިޔަސް މިހާރު ސްޓެލްކޯ އިން މި ހިދުމަތުގައި އިސްނަންގަވައިގެން އުޅުއްވާ ހިދުމަތްތެރި މުވައްޒަފުން."
އަހްމަދު ޝަރީފް | މެނޭޖިން ޑިރެކްޓަރު, ސްޓެލްކޯ

އެހެންވެ ސްޓެލްކޯގެ މުވައްޒަފުންނަށް ގިނަގުނަ ކަންތައްތަކެއް އެ ކުންފުނީގެ ފަރާތުން ކޮށްދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ކަންކަމުގެ ބަދަލުގައި އަބަދު ވެސް ރައްޔިތުން ހިތްހަމަޖެހޭ ގޮތަށް ހިދުމަތް ފޯރުކޮށްދިނުމަށް މުވައްޒަފުންނަށް ޝަރީފް ކުރައްވާ އިލްތިމާސްކުރައްވާ ކުރެއްވުން ރޭ ވެސް ތަކުރާރުކުރެއްވިއެވެ.

އެއާއެކު، ސްޓެލްކޯގެ ހައުސިން ސްކީމަށް އަލިއަޅުވާލައްވައި ޝަރީފް ވިދާޅުވީ، އެއީ އެ ކުންފުނިން ހިންގި އެންމެ ކާމިޔާބު އެއް ސްކީމް ކަމަށެވެ އޭނާ ވިދާޅުވި ގޮތުގައި އެ ސްކީމްގެ ދަށުން އެ ކުންފުނީގެ 360 މުވައްޒަފުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިވެއެވެ. އަދި ސްޓެލްކޯގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ މުވައްޒަފުންނަށާއި އާއިލާއަށް ޝަރީފް އުފާވެރި ހަބަރެއް ދެއްވިއެވެ.

އޭގެ ތެރެއިން އެއް ހަބަރަކީ މި އަހަރުގެ ނިޔަލަށް އެޑްވާންސް ޕޭމަންޓް ނުދެއްކުނު މުވައްޒަފުންގެ އެޑްވާންސްޑް ޕޭމަންޓް ފްލެޓަށް ދައްކަން ޖެހޭ ކުލީގެ ތެރޭ ހިމަނައިގެން ކުރިއަށް ގެންދިއުމަށް އެ ކުންފުނިން ނިންމި ނިންމުމެވެ.

"އަދި ހަމަ އެއާ އެކީގައި މުވައްޒަފުންގެ މުސާރަ އާއި މުވައްޒަފުން އެތަނަށް ދައްކަން ޖެހޭ ފްލެޓަށް ދައްކަން ޖެހޭ ކުލީގެ އަގު ކުޑަކުރުމަށްޓަކައި މަޝްވަރާކުރުމަށް ފަހުގައި މިހާރު މެނޭޖްމަންޓުން ވަނީ 18 އަހަރު ދުވަހުގެ ބަދަލުގައި 25 އަހަރަށް ބަދަލުކޮށް މުވައްޒަފު ދައްކަން ޖެހޭ އަދަދު ކުޑަކޮށްފަ."
އަހްމަދު ޝަރީފް | މެނޭޖިން ޑިރެކްޓަރު, ސްޓެލްކޯ

އެ ނިންމުން މެނޭޖްމަންޓުން ނިންމައި، ކުންފުނީގެ ބޯޑަށް ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މި ބަދަލު ބޭނުންވާ ނަމަ، ސްޓެލްކޯ އަށް ލިޔުމުން އެކަން އަންގަން ވާނެ ކަމަށާއި، ނޫން ނަމަ އެއްބަސްވުން ބާތިލްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު، ސްޓެލްކޯގެ ބާކީ ތިބި މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި އެހީތެރިކަން ދިނުމުގެ ސްކީމެއް ތައާރަފްކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"އެހެންވީމާ އިރާދަކުރެއްވިއްޔާމު ކުރި މަގުގައި ސްޓެލްކޯގެ ސްޓާފުންނަށް ތަފާތު އެކި ފަރާތްތަކުން ފޯރުކޮށްދޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އެހީތެރިވުމުގެ ގޮތުން އަޅުގަނޑުމެން ވަރަށް އަވަހަށް ފޯމިއުލޭޓްކޮށް ނިންމާފަ ސްޓެލްކޯގެ ސްކީމެއް ތައާރަފްކުރާނަން."
އަހްމަދު ޝަރީފް | މެނޭޖިން ޑިރެކްޓަރު, ސްޓެލްކޯ

ސްޓެލްކޯގެ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓެއްގެ އަގަކީ މަހަކު 5،622 ރުފިޔާއެވެ. މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓްމަންޓްތައް އުޅެނީ މަހަކު 10،356-10،652 ރުފިޔާގެ އަގެއްގައެވެ.