ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކޮށްފިއެވެ.

އެކަމަށްޓަކައި މިއަދު ހަވީރު ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން އެ ވެސެލް އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލުކޮށްދެއްވީ ޖަފާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކައި ޝުންސުކޭއެވެ. އަދި ޑިފެންސް މިނިސްޓްރީގެ ފަރާތުން އެ ވެސެލްއާ ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

މާރިޔާ ވަނީ ޖަޕާނު ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމާއި ބަދަހި ގުޅުން ފާހަގަކުރައްވާ އެ ގައުމުން ވެދެއްވާ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރެއްވި އޮއިލް ބޫމް ވެސަލް ވެގެންދާނީ ކަނޑަށް އެޅޭ ތެލުގެ ހާދިސާތަކުން ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތައް ސަލާމަތްކުރުމަށް އިތުރުވެގެންދާ ވަރަށް މުހިންމު އެސެޓެއް ކަމުގައި މާރިޔާ ފާހަގަކުރެއްވިއެވެ.

މާރިޔާ ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށް ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ގައުމެއްކަމަށާއި އޭގެތެރޭގައި އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގައާއި ތައުލީމީ ދާއިރާއާއި ހެލްތު ކެއާ އަދި އިޖުތިމާއީ ތަރައްގީގެ ދާއިރާތަކުން އެ ގައުމުން ގިނަގުނަ އެހީތެރިކަން ވެދެއްވާފައިވާ ކަމަށެވެ.

މާލެ ވަށައިގެން ލެވިފައިވާ ބޭރުތޮށި ލުމުގެ މަސައްކަތަކީ ޖަޕާނުން ވެދެއްވާފައިވާ ފާހަގަކޮށްލެވޭ އެހީތެރިކަމެއްކަން ފާހަގަކުރައްވައި ސުނާމީ ކާރިސާގައި މާލެއަށް ބޮޑުވަރުނުވެ ސަލާމަތްވާން މެދުވެރިވީ ވެސް ޖަޕާނުގެ ދުރުވިސްނުމާއެކު ބިނާ ކުރެވިފައިވާ އެ ބޭރު ތޮށީގެ ސަބަބުން ކަމުގައި މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.