އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ފައްޓަވައި ތާއީދު ފޯމް މިއަދު ފުރަން ފަށައިފިއެވެ.

މިއަދު ފޯމު ފުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ދެމެދު އެމްޕީއޭލް ސަރަހައްދާއި ރާޅުގަނޑު ސަރަހައްދުގައެވެ. އަދި މިރޭ ވެސް އެމްޑީޕީ ހަރުގެ ކުރިމަތީގައި ފޯމް ފުރުން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނެއެވެ. މި ހަރަކާތް އޮންނާނީ މިރޭ 8:30 ގައި ކަމަށް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެއެވެ.

މި ހަރަކާތްތަކުގައި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އަދި ކުރީގެ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ބައިވެރިވެ ވަޑައިގެން ފޯމް ވަނީ ފުރުއްވާފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހުއެވެ. ޕްރައިމަރީގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓަކު ވެސް ފޯމް ހުށަހަޅަން ޖެހެނީ އެމްޑީޕީގެ 500 މެންބަރުންގެ ތާއީދާ އެކުގައި ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދު ނިންމަވައި އެކަން އިއުލާން ކުރެއްވި އިރު ނަޝީދު ވަނީ އެ ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އެމަނިކުފާނަށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައެވެ.