އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކޮށް މިލިއަނުން ހިޔާނާތްތެރިވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ތަނާޒުލްވެވަޑައިގެންފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ކްރިމިނަލް ކޯޓުން ހަމަ އެކަނި ބުނީ އިސްގާޒީ ޝަކީލް ތަނާޒުލްވުމުން ފުއްގިރި މައްސަލަ ކުރިއަށް ގެންދާނީ އެ ކޯޓުގެ ގާޒީ އަލީ ނަދީމް ކަމަށެވެ. އިތުރު ތަފްސީލެއް އެ ކޯޓަކުން ހާމައެއް ނުކުރެއެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ޔާމީނަށާއި މ. ކުރިކީލަހިޔާ އަހްމަދު ކްރިކް ރިޒާގެ އިތުރުން ސަންގެ ދެ ކުންފުނި ކަމަށްވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ. އެގޮތުން އެ މައްސަލައިގައި ކުރާ ދައުވާތަކަކީ:

  • އަބްދުﷲ ޔާމީން: މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުން
  • ސަންގެ ދެ ކުންފުނި: މަނީ ލޯންޑަރިން
  • އަހްމަދު ކްރިކް ރިޒާ: މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުން

ޔާމީންގެ މައްޗަށް ދައުލަތުން ތުހުމަތުކުރަނީ، ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.12 މިލިއަން ޑޮލަރު ހޯދައި، ސަންގެ ދެ ކުންފުނި ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ބޭނުންކުރި ކަމަށެވެ.

ފުއްގިރީގެ މައްސަލައިގައި ގާޒީ ބަދަލުވެފައި ވަނީ އެ މައްސަލައިގައި އަޑުއެހުމެއް ނުބާއްވާތާ އަހަރެއްހާ ދުވަސްވެފައި ވަނިކޮށެވެ. އެ މައްސަލައިގެ އިތުރުން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތުގެ މައްސަލައިގައި ހުކުމާ ހަމައަށް ވަނީ ވާސިލްވެފައެވެ. އިސްގާޒީ ޝަކީލް އާރަށް މައްސަލަ ބައްލަވާއިރު، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެ މައްސަލައިގައި ހުކުމް ކުރައްވާނެ ކަމަށެވެ.