ސިނަމާލެ ބްރިޖްގައި ހުކުރު ދުވަހު ހިނގި އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑިއޯ ދައުރު ނުކުރަން ފުލުހުން އެދިއްޖެއެވެ.

ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވި، އެ އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރީގައި ސައިކަލަކާއި ކާރެއް ޖެހިގެން ހިނގި ހާދިސާގައެވެ. އޭނާ މަރުވީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އެ ވީޑިއޯ މިހާރު އާންމުވެފައި ވާއިރު ވީޑިއޯއިން ފެންނަނީ ޓްރެފިކް ލައިޓުގެ ރަތް ސިގްނަލް ދިއްލިފައި ވަނިކޮށް އޭނާ ބާރު ސްޕީޑުގައި ދިޔަ މަންޒަރެވެ. އެވަގުތު ހުޅުމާލެއިން އެއާޕޯޓަށް ދިޔަ ކާރުގައި އެސައިކަލް ޖެހި ޖަމްބޯ ވެއްޓޭ މަންޒަރު ފެނިގެންދެއެވެ. އަދި އެކްސިޑެންޓުގައި އޭނާ ކާރުގައި ޖެހުނުލެއް ބާރުކަމުން ހެލްމެޓުވެސް ވިއްސައިގެން ދިޔަ މަންޒަރު ވީޑިއޯއިން ފެނިގެން ދެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މީހަކު މަރުވާން މެދުވެރިވި އެކްސިޑެންޓްގެ މަންޒަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ކުރުމަކީ މަރުހޫމުގެ އާއިލާއަށް ނުހަނު ހިތްދަތިކަން ގެނުވާނެ ކަމެއް ކަމުގައި ދެކޭ ކަމަށާއި އެ ވީޑިއޯ ދައުރު ވަމުންދާތީ އެކަމުގެ ކަންބޮޑުވުން އާއިލާއިން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ވީޑިއޯ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފުލުހުން އިތުރަށް ބުނީ އެ ވީޑިއޯ އާންމުވެފައިވާ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި އެއީ ކިހިނެތް އާންމުވެފައިވާ ވީޑިއޯއެއްތޯ ބަލާ ފިޔަވަޅު އަޅާނެ ކަމަށެވެ.